ކުޅިވަރު

ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ނިލަންދޫގައި ކުޅުމަށް މަސައްކަތް ކުރަނީ


ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ފ.އަތޮޅު ނިލަންދޫގައި ކުޅުމަށް މަސައްކަތް ކުރަމުންދާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. މިހާރު ކުރިއަށްދާ ޔޫތު ޗެންޕިއަންޝިޕްގެ ފައިނަލް މެޗް ފ.އަތޮޅު ނިލަންދޫގައި ކުޅޭވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް އެފްއޭއެމްއިން މިހާރުދަނީ ކުރަމުންނެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.

އެފްއޭއެމްއިން ވަރަށް ބޮޑަށް ރާއްޖެ ތެރޭގައި މެޗްތައް ކުޅުމަށް މިހާރު މަސައްކަތް ކުރަމުންދާއިރު، ދާދިފަހުން އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ގުޅިގެން ވަނީ ވަނީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ރ.އަތޮޅު އަލިފުށީގައި ކުޅެފައެވެ. މިމެޗް މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. މުޅި ރާއްޖެ އަށް ފުޅާކޮށްގެން ފަށަން ނިންމާފައިވާ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަށަންވާއިރަށް ރަށްރަށުގައި މެޗުތައް ކުޅުމަކީ ލީގު ކުރިއަށް ގެންދިއުމަށް ބަލާއިރު، ފަސޭހަތަކެއްވާނެ ކަމެއްގެ ގޮތުގައި އެފްއޭއެމުން ގަބޫލުކުރެއެވެ. އަދި އެފްއޭއެމްއިން ބޭނުންވަނީ 2023/2024ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންއަކީ މުޅި ރާއްޖެ ހިމެނޭގޮތަށް އެކުލެވިގެން ކުރިއަށްގެންދާ ސީޒަނަކަށް ހެދުމަށެވެ.

ނިލަންދޫގައި އެޅި ޓާފް ދަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެންނެވެ. ދަނޑުގެ މަސައްކަތް ނިންމާލާފައިވަނީ 2020ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. 19 އަހަރުން ދަށުގެ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެންޕިއަންޝިޕްގައި 9 ޓީމް ވާދަކުރެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިމޭއިރު، ސެމީ ފައިނަލް މެޗުތައް ކުރިއަށްދާނީ މިމަހުގެ 9ވަނަ ދުވަހުއެވެ.