ކުޅިވަރު

ކުލަބުތަކާއި ގުޅިގެން ގައުމީ ބެޑްމިންޓަން ޓީމް އެކުލަވާލަނީ


މިއަންނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވަރުގަދަ ގައުމީ ޓީމެއް ތައްޔާރު ކުރުމަށް ބެޑްމިންޓަންގެ ކުލަބްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ. މަޑަގަސްކަރަގައި މިއަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމަށް ގައުމީ ޓީމް އެކުލަވާލުމަށް ބީއޭއެމްއިންވަނީ ކުލަބްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

މިބައްދަލުވުމުގެ ބޭނުމަކީ 2023ވަނަ އަހަރުގެ އައިއޯއައިޖީއަށް ރާއްޖެއިން ވަރުގަދަ ޓީމެއް އެކުލަވާލުންކަމަށާއި ކުލަބްތަކާއި ގުޅިގެން އެކުލަބްތަކުގެ ހިޔާލާއެކު، ގައުމީ ޓީމް އެކުލަވާލުންކަމަށެވެ. އެގޮތުން ކުލަބްތަކާއިއެކު ބޭއްވުމުގެ ބައްދަލުވުމުގައިވަނީ ގައުމީ ޓީމް ނެގުމަށް ބާއްވާ ޓްރަޔަލްގައި ކުލަބްތަކުން ބައިވެރިވެ، ކުލަބްތަކާއިއެކު ވަރުގަދަ ގައުމީ ޓީމެއް އެކުލަވާލުމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ކޮންމެ ފަހަރަކުވެސް އައިއޯއައިޖީއަށް ވަރަށް ބޮޑަށް ތައްޔާރުވެއެވެ. އަދި ގައުމީ ބެޑްމިންޓަން ޓީމުންވަނީ އެންމެ ފަހުގެ އައިއޯއައިޖީގައި ރަގަނޅު ކާމިޔާބީއެއް ހޯދާފައެވެ.

2023ވަނަ އަހަރުގެ އައިއޯއައިޖީއަށް ވަރުގަދަ ބެޑްމިންޓަން ޓީމެއް އެކުލަވާލުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ކްލަބްތަކަކީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސީއެސް ސްޕޯޓްސް އަދި ރިވައިވަލް ސްޕޯޓްސް ކްލަބެވެ. ރިވައިވަލް ސްޕޯޓްސް ކްލަބުން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީއާއެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ.

އައިއޯއައިޖީ އަކީ ބެޑްމިންޓަން އެސޯސިއޭޝަނުން ކޮންމެ ފަހަރަކުވެސް ވަރަށް ބޮޑު އިސްކަމެއްދޭ މުބާރާތެކެވެ. އަދި އައިއޯއައިޖީގައި ރަގަނޅު ކާމިޔާބީއެއް ހޯދަން ބެންޑމިންޓަން އެސޯސިއޭޝަނުން ކޮންމެ ފަހަރަކުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ބެޑްމިންޓަން ސިންގަލްސްގައި އާމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދާފައެވެ.