ޚަބަރު

ހިތަދޫގައި ހަދަމުންދާ ފްލެޓްތަކުގެ ބައެއް ފޭދޫ މީހުންނަށް


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި ޢިމާރާތްކުރައްވާ 250 ފްލެޓްގެ ތެރެއިން ފޭދޫ ރައްޔިތުންނަށް 50 ފްލެޓް ޚާއްޞަ ކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. ހިތަދޫގައި ޢިމާރާތް ކުރައްވަމުން ގެންދަވާ 250 ފްލެޓް މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގައި ދެކުނުގެ 4 އަތޮޅުގައި ހިންގަވާ ހައުސިންގ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ. ހިތަދޫ ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ކުރަމުންދަނީ ޗައިނާގެ ސީ.އެމް.އީ.ސީ ކުންފުނިންނެވެ. ހިތަދޫގައި ހަދަމުންގެންދާ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުއްވާލައްވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.  އައްޑޫ ސިޓީގައި ހުންނެވި، ހައުސިންގ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ މުޙައްމަދު ފައިސަލް ވިދާޅުވީ، 250 ފްލެޓްގެ ތެރެއިން ބާކީ 200 ފްލެޓަކީ ހިތަދޫ މީހުންނަށް ޚާއްޞަކުރައްވާފައިވާ ފްލެޓްތައް ކަމަށާއި، އަނެއް 50 ފްލެޓް ޚާއްޞަ ކުރެވިފައިވަނީ ފޭދޫ ރައްޔިތުންނަށް ކަމަށެވެ. އައްޑޫ ސިޓީއަކީ ބޯހިޔާވަހިކަން ބޭނުންވެފައިވާ އެތައް ބަޔަކު ތިބި ތަނެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ޒުވާނުންގެ ބޮޑު ތަރުޙީބެއް ފްލެޓްތަކަށް އެބައޮތް ކަމަށެވެ. ހިތަދޫގެ އިތުރުން އައްޑޫސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ ހުޅުމީދޫގައެވެ. އެރަށުގައި 50 ފްލެޓް ހެދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅުކަމުގައިވާ ގއ، ގދ، ޏ، އަދި އައްޑޫ ގައި 796 ހައުސިންގ ޔުނިޓް ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.