ޚަބަރު

3 ޤައުމެއްގެ ސަފީރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


3 ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ބައްދަލުކުރެއްވީ ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް ޙަސަންއާއި، ޖަޕާން ސަރުކާރުން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޓަކެއޫޗީ މިދޯރީ އަދި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އާދަމް މަޒްނަވީ ޖައުފަރް ސާދިޤް އާއެވެ.

ބަންގްލަދޭޝް ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަކީ ސަފީރުކަމުގެ ދައުރު ފުރިހަމަ ކުރައްވައި، ފުރާވަޑައިގަތުމުގެ ކުރިން ކުރެއްވި ޒިޔާރަތެކެވެ. އަދި ސްރީލަންކާ ސަފީރު މިނިސްޓަރ ޝާހިދުގެ އަރިހަށް ޒިޔާރަތްކުރެއްވީ، މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އަށް އެރުވުމަށްފަހު އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިއަދު މެންދުރުފަހު ވަކިވަކިން އޮތް މި ބައްދަލުވުންތަކުގައި އެޤައުމުތަކާ ދިވެހިރާއްޖެއާ އޮންނަ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު އާއި ސަފީރުން މަޝްވަރާކުރެއްވިއެވެ.