ޚަބަރު

ވެކްސިން ފުރިހަމަކޮށްފައިވާ ޑައިރެކްޓް ކޮންޓެކްޓުން އަލާމާތެއް ނެތްނަމަ ކަރަންޓީންވާކަށް ނުޖެހޭނެ


ކޯވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އަލާމާތެއް ނެތްނަމަ ކަރަންޓީންވާން ނުޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް ހަމަޖައްސާފައިވާއިރު މީގެ ކުރިން ކޯވިޑްގެ ޑައިރެކްޓް ކޮންޓެކްޓުން އަލާމާތެއް ފެނުނަސް ނުފެނުނަސް 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެއެވެ. ނަމަވެސް އަލަށް އުސޫލަށް ގެނެވުނު ބަދަލާއިއެކު ކޯވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންނަށް ދެ ގޮތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން ކޯވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާކަށް ނުޖެހޭނެއެވެ. ނަމަވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ޓެސްޓް ހަދަން ޖެހޭނެއެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެފަރާތްތައް ހުންނަންޖެހޭނީ ކަރަންޓީނުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑަށް ފައްސިވެފައިވާ މީހުންގެ ކޮންޓެކްޓުން ކޯވިޑް-19 އަށް ފައްސިވާ މީހުންނާ އެކުގައި އުޅޭނަމަ ފައްސިވި މީހާގެ އެކަހެރިވުމުގެ މުއްދަތު ނިމެންދެން ކަރަންޓީނުގައި ހުންނަންވާނެއެވެ. އަދި ފައްސިވި މީހާގެ އެކަހެރިވުމުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓު ހަދައި، ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުންނަންޖެހޭނެއެވެ. އަދި ނަތީޖާ ނެގެޓިވް ވެއްޖެނަމަ އިތުރަށް ކަރަންޓީންވާކަށް ނުޖެހޭނެއެވެ. ޓެސްޓުގެ ނަތީޖާ ނެގެޓިވް ވީނަމަވެސް، ކޯވިޑަށް ފައްސިވި މީހާގެ އެކަހެރިކުރުމުގެ މުއްދަތު ހަމަވާތާ 5 ދުވަސްފަހުން ކޯވިޑް-19އަށް އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހަދަންޖެހޭނެއެވެ.

ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން އެންޓިޖެން ޓެސްޓުގެ ސެލްފް ކިޓެއް ބޭނުންކޮށްގެން ގޭގައި ޓެސްޓްކޮށް ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަންވާނެއެވެ. ނަމަވެސް އެ ފަރާތްތަކަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމަންޓް ދޫކުރެވޭނީ ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ރަޖިސްޓަރ ކޮށްފައިވާ ލެބަކުން ނުވަތަ ސިއްޙީ ފަރުވާދޭ ތަނަކުން ކޯވިޑް-19 އަށް ޓެސްޓު ހެދުމުންނެވެ.

މިއާއެކު ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ މައުލޫމާތު ދޭއިރު ބަލީގެ އަލާމާތްތަކުގެ މައުލޫމާތު ފުރިހަމައަށް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައްސިވާ މީހުން އެކަހެރިވުމާއި ފައްސިވާމީހުންގެ ކޮންޓެކްޓުން ކަރަންޓީނުވުމުގައި، އެކަހެރިވުމާއި ކަރަންޓީނުވުމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.