ޚަބަރު

އެމް.އެން.ޑީ.އެފްގެ އައު ޢިމާރާތް ބޮޑު ކުރުމަށް މަޝްވަރާކުރަނީ


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓް ގާޑް ބިލްޑިންގ ހުރި ތަނުގައި އަލަށް އިމާރާތް ކުރައްވަން ހަމަޖެހިފައިވާ އެމް.އެން.ޑީ.އެފް.ގެ ދިހަ ބުރީގެ އިމާރާތުގެ ކުރެހުމަށް ބަދަލުގެންނަވައި، އެ ޢިމާރާތް ބޮޑުކުރެއްވުމަށް އިންޑިޔާ ސަރުކާރާއިއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އިންޑިޔާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންދަވާ މި މަޝްރޫއަށް އެހީ ހަމަޖެހިފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ ޕީ.އެސް.އެމް.އާއި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އައު ޢިމާރާތުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، ސަރުކާރުން އެ ޢިމާރާތަށް ބައެއް ބަދަލުތައް ގެންނަވަން ބޭނުންވާ ކަމަށެވެ. "ޢިމާރާތް ބޮޑު ކުުރުމަށް މިހާރު ވަނީ ހުށައަޅާފަ. ޢިމާރާތަށް ބަދަލުގެންނަން ބޭނުންވަނީ މިހާރަށް ވުރެ ޖާގައިގެ ގޮތުން ފުރިހަމަ ޢިމާރާތެއް ބޭނުންވާތީ. އެތާ ޤާއިމްކުރާ ވަސީލަތްތައްވެސް އިތުރުކޮށް، ޚާއްސަކޮށް ޢިމާރާތުގެ ބޭނުން ކޯސްޓް ގާާޑަށް ވީހާވެސް ބޮޑު ވާނެ ގޮތަށް މި ބަލަނީ. " އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.ޢިމާރާތާއި ގުޅޭ މަޝްވަރާތައް ނިމުނުހާ އަވަހަކަށް ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިފެންސް މިިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.