ޚަބަރު

މަތިންދާބޯޓު ހުއްޓުވި މައްސަލައިގައި ބެލަރުސްއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް


މިދިޔަ އަހަރު ރަޔަންއެއަރ ގެ މަތިންދާބޯޓެއް ބެލަރުސްގެ މިންސްކް އެއަރޕޯޓުގައި ޖެއްސުމަށް މަޖުބޫރުކުރި މައްސަލައާގުޅިގެން، އެފަދަކަމެއް އިތުރަށް ތަކުރާރު ނުކުރާނެކަމުގެ ޔަޤީންކަން ބެލެރުސްއިން ދޭންޖެހޭކަމަށް ރަޔަންއެއަރ އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ 23 ވަނަ ދުވަހު، ގްރީސް އިން ފުރައިގެން ލިތުއޭނިއާއަށް ދަތުރުކުރަމުންދިޔަ ރަޔަންއެއަރ ގެ މަތިންދާބޯޓެއް ވަނީ، ބެލެރުސްގެ ވައިގެ ސަރަޙައްދުން ހިފަހައްޓާފައެވެ. ބެލެރުސްގެ ކޮންޓްރޯލް ޓަވަރުން ވަނީ އެ ބޯޓުގައި ބޮމުގެ ޙަމަލާއެއް ދޭންއުޅޭކަމުގެ އިންޒާރުދީ، ބެލެރުސްގެ ވެރިރަށް މިންސްގެ އެއަރޕޯޓުގައި ބޯޓު ޖެއްސުމަށް މަޖުބޫރުކޮށްފައެވެ. އަދި އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ބެލެރުސްގެ ސަރުކާރާ އިދިކޮޅު ވިސްނުމުގެ ނޫސްވެރިކަޔަކާއި، އޭނާއާ އެކު ދަތުރުކުރި މީހަކު ވަނީ، ހައްޔަރުކޮށްފައެވެ.

މި ޙާދިޘާއާއި ގުޅޭ ރިޕޯޓެއް، މިދިޔަ ޖަނަވަރީމަހު އ.ދ. އިން ނެރެފައިވާއިރު، ރިޕޯޓުގައި ބުނާގޮތުން ބޮމުގެ އިންޒާރަކީ އޮޅުވާލުމުގެ ބޭނުމުގައި އުފައްދާފައިވާ އަޞްލެއްނެތް ވާހަކައެކެވެ. އ.ދ. ގެ ތަޙުޤީގަށް ބޭނުންވާ މުހިއްމު މަޢުލޫމާތު، ބެލެރުސް އިން ހިފަހައްޓާފައިވާކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ނަމަވެސް އޮޅުވާލައިގެން ބޯޓު ޖެއްސުވިކަން ބެލެރުސްއިން ދޮގުކުރެއެވެ.

މި ރިޕޯޓު ޢާއްމުކުރުމާ ގުޅިގެން ރަޔަންއެއަރ ގެ ސީ.އީ.އޯ މައިކަލް އޯލޭރީ ވިދާޅުވީ، ބައިނަލްއަޤްވާމީ ވައިގެ އުދުހުންތަކުގެ ޤަވާޢިދާއި ޚިލާފަށް ކޮށްފައިވާ މިފަދަ ޢަމަލެއް އިތުރަށް ތަކުރާރު ނުކުރާނެކަމުގެ ޔަޤީންކަން ބެލެރުސްއިން ނުދޭހާހިނދަކު، ހުރިހާ އެއަރލައިނަކުންވެސް އެ ޤައުމުގެ ވައިގެ ސަރަޙައްދުން ދަތުރުކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

އ.ދ. ގެ ރިޕޯޓަށްފަހު ހުޅަނގުގެ ބާރުތަކުންވެސް ވަނީ ބެލެރުސްއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މަތިންދާބޯޓެއް ހައިޖެކް ކުރި ކަމުގެ ތުޙުމަތުގައި ބެލަރުސްގެ 4 އޮފިޝަލަކަށް ދައުވާކުރުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ރަޔަންއެއަރ ގެ މަތިންދާބޯޓު ހުއްޓުވައި، ބެލަރުސްއަށް ނިޞްބަތްވާ ނޫސްވެރިޔާ ރޮމަން ޕުރޮޓަސެވިޗު އާއި އޭނާއާއެކު ދަތުރުކުރަމުންދިޔަ ރަޝިޔާ އަންހެންމީހާ ހައްޔަރުކުރި ޙާދިޘާ ވެގެންދިޔައީ ބައިނަލްއަޤްވާމީގޮތުން ކަންބޮޑުވުން ފާޅުކޮށް، ގިނަ ޖަމާޢަތްތަކުން ބެލަރުސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި މައްސަލައަކަށެވެ.

މި ޙާދިޘާއަށްފަހު އ.ދ. އާއި އިނގިރޭސިވިލާތާއި، ވިލާތުގެ އިއްތިހާދުން ވަނީ، އެ ޖަމާޢަތްތަކަށް ނިޞްބަތްވާ އެއަރޕޯޓުތަކަށް، ބެލެރުސްގެ ޤައުމީ އެއަރލައިން ބެލާވިއާ ޖެއްސުން މަނާކޮށްފައެވެ. އަދި ބެލެރުސްގެ ވައިގެ ސަރަޙައްދު ބޭނުން ނުކުރުމަށް އ.ދ. ގެ ޤައުމުތަކުން ނިންމިއެވެ.

ބެލެރުސްގެ ވައިގެ ސަރަޙައްދަކީ ޔޫރަޕު ބައްރުގައި ޓްރާންސިޓް ދަތުރުތަކަށް ބޭނުންކުރާ މައި ރޫޓެއް ކަމުން، މި ނިންމުންތަކާގުޅިގެން އެ ސަރަޙައްދުން ކޮންމެ ދުވަހަކު ދަތުރުކުރަމުން އަައި 400 ފްލައިޓަށް އަސަރުކުރާނެކަމަށް ޔޫރަޕުގެ އެއަރ ޓްރެފިކް ކޮންޓްރޯލުން އޭރު ވަނީ ހާމަކޮށްފައެވެ.