ކުޅިވަރު

ޕެނަލްޓީގައި ނީސްއިން ޕީއެސްޖީ ކަޓުވާލައިފި


ޕެނަލްޓީ ޖަހައިގެން ފްރެންޗް ކަޕްގެ އެންމެ ފަހުގެ ޗެންޕިއަން ޕީއެސްޖީ މުބާރާތުން ކަޓައިފިއެވެ. ޕީއެސްޖީ ފްރެންޗް ކަޕުން ކަޓާފައިވަނީ މިމުބާރާތުގެ ގަދަ 16 ގައި ނީސްއާއި ވާދަކުރި މެޗް ޕެނަލްޓީޖަހައިގެން 5 ލަނޑު 6 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މޮޅުވުން މަޖްބޫރު މެޗަކަށް ޕީއެސްޖީއިން ނެރިފައިވަނީ ވަރަށް ވަރުގަދަ ޓީމެކެވެ. ނަމަވެސް މެޗުން ޕީއެސްޖީއަށް މޮޅުވެވޭ ގޮތެއް ނުވިއެވެ. މެޗްގައި ޕީއެސްޖީއަށް ނީސްގެ ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވިއެވެ. އަދި ޕީއެސްޖީއިން އުދެއްފި ގިނަ ހަމަލާތައް ވަނީ ނީސްގެ ގޯލް ކީޕަރު މާސީން ބަލްކާވަނީ ވަރަށް ހުށިއާރުކަމާއެކު ދިފާޢުކޮށްފައެވެ. މެޗް ކާމިޔާބުކުރުމަށް ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކީލިއަން އެމްބާޕޭއަށް ވެސް ކުޅެންއަރާ ނީސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަމަވެސް ނީސްއިން ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނީސްގެ މޯގަން ޝްނައިޑަލިން އާއި ޖިއަން ކްލެއާ ޓޮޑީބޯ އަދި ޔޫސެފް އަޓާލް ވަނީ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. މެސީ އާއި އެމްބާޕޭ ޕީއެސްޖީގެ ފުރަތަމަ ދެ ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ޕީއެސްޖީގެ ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔަ ލެއަންޑްރޯ ޕަރޭޑޭސް ފޮނުވާލި ބޯޅަ ކީޕަރު ބަލްކާ ވަނީ މަތަކޮށްފައެވެ. ނީސްގެ ހަތަރު ވަނަ ޕެނަލްޓީ އެންޑީ ޑެލޯޓް ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެ ބޯޅަ ހުއްޓުވިއެވެ. އޭގެ ފަހުން ޕީއެސްޖީގެ ޑްރެކްސްލާ، މާކޯ ވެރާޓީ، ހުއާން ބާނާޓްގެ ޕެނަލްޓީތައް ކާމިޔާބުވި ނަމަވެސް ހަތް ވަނަ ޕެނަލްޓީ ޖެހި ޒަވީ ސިމޯންސް ފޮނުވާލި ބޯޅަ ކީޕަރު ބަލްކާ ވަނީ މަތަކޮށްފައެވެ. ނީސް ވަނީ ފަހު ތިން ޕެނަލްޓީ ކާމިޔާބުކޮށް މެޗް ކާމިޔާބުކޮށްފައެވެ. ފްރެންޗް ކަޕްގެ ކުއާޓާ ފައިނަލުގައި ނީސް ވާދަކުރާނީ މާސޭއާއެވެ.