ޚަބަރު

ޖަޕާނުގައި ވަޒީފާ އިތުރުވި މިންވަރު 36 އަހަރުތެރޭ ރިކޯޑަކަށް


ޖަޕާނުގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ދަށަށްގޮސް، ވަޒީފާގެ ބާޒާރަށް އަލަށް ވަތް މީހުންގެ ޢަަދަދު އިތުރުވެފައިވާކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ނެރުނު ރިޕޯޓުތަކުން ދައްކައިފިއެވެ.

މިދިޔަ 2021ވަނަ އަހަރުގެ ޑިސެމްބަރުމަހު ވަޒީފާގެ ބާޒާރުގެ ތަފާސްހިސާބުތައް ހުރިގޮތް ހާމަކުރުމަށް ޖަޕާނުގެ ސަރުކާރުން ނެރުނު ރިޕޯޓުތަކުން ދައްކާގޮތުން، ޑިސެމްބަރުމަހު އެ ޤައުމުގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ވަނީ %2.7 ދަށަށް ގޮސްފައެވެ.

މި ރިޕޯޓުތައް ބުނާގޮތުން ޑިސެމްބަރުމަހު ޖަޕާނުގައި އަލަށް ވަޒީފާއަށް ނިކުތް މީހުންގެ ޢަދަދު 490،000 އަށް އަރައެވެ. މިއާއެކު ޤައުމުގައި ވަޒީފާ އަދާކުރާ މީހުންގެ ޖުމްލަ ޢަދަދު 66.7 މިލިއަނަށް ވަނީ އަރާފައެވެ.

ޖަޕާނުގައި ޑިސެމްބަރުމަހު ވަޒީފާ އިތުރުވީ މިންވަރަކީ 1986 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، މަހެއްގެ ތެރޭގައި އެ ޤައުމުގައި އެންމެ ގިނަ ޢަދަދަކަށް ވަޒީފާ އިތުރުވި ފަހަރުކަމަށް ނޫސްތަކުން ހާމަކުރެއެވެ. މި ކުރިއެރުމުގެ ފަހަތުގައި ވަނީ ކޯވިޑް-19ގެ ކޭސްތައް ދަށަށް ދާންފެށުމުން، ރެސްޓޯރަންޓާއި ހޮޓެލް ވިޔަފާރިޔަށް އަންނަމުންދާ ހެޔޮ ބަދަލު ކަމަށް، އެ ޤައުމުން ސަރުކާރުން ހާމަކުރައްވައެވެ.

ޖަޕާނުގެ މަސައްކަތްތެރިންނާބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ރިޕޯޓުތައް ދައްކާގޮތުން ޖަޕާނުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ނޮވެމްބަރުމަހަށްވުރެ ޑިސެމްބަރުމަހު %0.01 މައްޗަށް ޖެހިފައިވެއެވެ. އެހެންކަމުން ޑިސެމްބަރުމަހު ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ ޢަދަދާއި، ވަޒީފާއަށް އެދޭ މީހުންގެ ޢަދަދުގެ ރޭޝިއޯ އެއްވަރުވުމާ ގާތަށްޖެހި، މި ރޭޝިއޯ ހުރީ 1.16 ގައެވެ.