ކުޅިވަރު

ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ޓީމް ތައްޔާރު ކުރެވޭނެ - ކޮސްޓޯ


ކުރިއައްއޮތް ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ޓީމް ތައްޔާރު ކުރުމަކީ ވަރަށް ބޮޑު ޗެލެންޖެއްކަމަށް ގައުމީ ޓޭބަލް ޓެނިސް ޓީމްގެ ކޯޗް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ބުނެފިއެވެ. ގައުމީ ޖޫނިއަރ ޓީމް މިހާރު ތައްޔާރުވަމުންދަނީ މާޗް މަހުގެ 20 އިން 22ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. މިޓީމްގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ގައުމީ ޖޫނިއަރ ޓީމް ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދާއިރު، މިޓީމާއެކު ގައުމީ ސީނިއަރ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. މިމުބާރާތައް ތައްޔާރުވުމާއި ބެހޭގޮތުން ވާހަކަދައްކަމުން ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ކޯޗު ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ބުނީ މިވަގުތު ޖޫނިއަރ ޓީމުގައި އާ ކުޅުންތެރިން ގިނަވުމުން ޓީމް ތައްޔާރުކުރުމަކީ ވަރަށް ބޯޑު ޗެލެންޖެއްކަމަށެވެ. އަދި އެންމެ ބޮޑު ޗެލެންޖަކީ މިފަދަ ބޮޑު މުބާރާތަކާއި ކުރިމަތިލާއިރު، މުޅިން އަލަށް ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރާ ކުޅުންތެރިންވެސް ޓީމްގައި ތިބިކަންކަމަށް ކޯޗް ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ބުންޏެވެ.

ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕަށް ޖުނިއަރ ޓީމް ތައްޔާރުވާއިރު ކޯޗް ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގައި ގައުމީ ސީނިއަރ ޓީމުގެވެސް އެންމެ މުހިންމު ދެ ކުޅުންތެރިންކަމުގައިވާ ފާތިމަތު ދީމާ ޢަލީއާއި ޢާއިޝަތު ރަފާ ނާޒިމް ހިމެނޭކަމެވެ. ކޯޗު ބުނީ ދީމާ އާއި ރަފާ ޓީމުގައި ހިމެނުމަކީ ޓީމުގައި ދެންތިބި ކުޅުންތެރިންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

"ރަފާ އާއި ދީމާގެ ސަބަބުން ޓީމުގައި ދެންތިބި ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ވަރަށް ގިނަ ކަންތައްތައްވެސް ދަސްވާނެ. އަސްލު ވަރަށް ޗެލެންޖިން ކަމެއް މީއީ، ތަޖުރިބާ ނެތް ކުޅުންތެރިން މިކަހަލަ މުބާރާތަކަށް ތައްޔާރުކުރުން. އެކަމަކު ކުދިން ކުރާ މަސައްކަތާމެދު ހިތްހަމަޖެހޭ. ތައްޔާރީތައް ވަރަށް ރަނގަޅަށް ބަހާލައިގެން މިދަނީ. ވަރަށް ހިތްހަމަޖެހިފައި މިހިރީ" ކޮސްޓޯ ބުންޏެވެ.

ކޯޗު ކޮސްޓޯ ބުނީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ވެސް ތަފާތު ކަމެއް ކަމަށެވެ. އެ ގޮތަށް ބަލާއިރު މިއީ ކުޅުންތެރިންނަށް ވެސް އަދި އޭނާ އަށް ވެސް ވަރަށް ޚާއްސަ މުބާރާތަކަށްވާނެ ކަމަށެވެ.