ކުޅިވަރު

ކްލަބް އޭދަފުށީގެ ކޯޗަކަށް މުޙައްމަދު އާޠިފް އާތީ


އޭދަފުށީ ފުޓްބޯޅަ ޓީމް "ކްލަބް އޭދަފުށި" ކޯޗުގެ ގޮތުގައި މުޙައްމަދު އާތިފް އާތީ ހަމަޖައްސައިފި
އާތީ އެ ކްލަބްގެ ކޯޗަކަށް ހަމަޖެއްސީ ކުރިއަށް އޮތް ޒޯން ލީގާ ޕްރިމިއަރ ލީގް ކޮލިފިކޭޝަނަށެވެ.

ކްލަބް އޭދަފުށިން ބުނީ ކްލަބުގެ ކޯޗުގެ ގޮތުގައި އާތީ ހަމަޖެއްސީ ކުރިއަށް އޮތް ޕްރެމިއަރ ލީގްގެ ކޮލިފިކޭޝަންގައި އެހެން ޓީމްތަކާ ވާދަކުރެވޭ ވަރުގެ ޓީމެއް ބިނާކުރުވުމަށް ކަމަށެވެ. އާތީ އާއެކު ކާމިޔާބީ ހާސިލްކޮށް އޭދަފުށީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށާއި، އޭދަފުށިން ގައުމީ ފެންވަރުގެ އިތުރު ކުޅުންތެރިންތަކެއް އުފެދިގެން ދާނެކަމަށް އުންމީދު ކުރާކަމަށްވެސް އެކުލަބުން ބުނެއެވެ. އަދި ކްލަބް އޭދަފުށީ ކޯޗަކަށް ހަމަޖެއްސީ ގިނަ ކަންތައްތަކަކަށް ބަލާފައިކަމަށާއި، އެގޮތުން އާތީއަކީ މިވަގުތު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން ޒުވާން ކުޅުންތެރިން އުފެއްދުމުގައި ނަމޫނާ ދައްކާފައިވާ ކޯޗަކަށްވާތީކަމަށް އެކްލަބުން ބުނެއެވެ.

ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ފަށާނީ އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހުއެވެ. އޭދަފުށި ނިސްބަތްވާ ޒޯނުގައި ހިމެނެނީ ބ އަތޮޅުގެ އިތުރުން ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވާ އޯޕަން ރައުންޑުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެ އަށް އެފްއޭއެމުން ހުޅުވާލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ކްލަބް އޭދަފުށިން ވަނީ މީގެ ދެއަހަރު ކުރިން މަޝްހޫރު ކޯޗް ސާންތީގެ އިރުޝާދުގެ ދަށުން ރަގަޅު ޓީމެއް އެކުލަވާލާފައެވެ.