ޚަބަރު

ރައީސް ޔާމީނަށް ޙުކުމް އިއްވުން ޖޫން މަހަށް އަވަސްކޮށްފި


ވ.އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސްޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި، ރ.ފުއްގިރި މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާގެ ޙުކުމް އިއްވުން އަވަސްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރިން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާ ހުކުމް ނޮވެމްބަރު 25ވަނަ ދުވަހަށް ތައާވަލުކުރަން ނިންމާފައިވާކަމަށް ބުނެފައެވެ. ނަމަވެސް މިހާރު އެހުކުމް ޖޫން މަހުގެ 30އަށް އަވަސްކޮށްފައިވާކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވިދާޅުވީ، ދަޢުވާއަށް ޖަވާބުދާރީ ވުމާއި އިބްތިދާއީ މަރުހަލާ އަންނަ މެއި މަހާ ހަމައަށް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި، އޮކްޓޫބަރު މަހު ޚުލާސާ ބަޔާން ހުށަހެޅުމާ ހަމައަށް ކުރިއަށް ގެންދަވާނެކަމަށާ، ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު މި މައްސަލައިގެ ޙުކުމް އިއްވާނެކަމަށް އިސް ޤާޟީ ޝަކީލް ވިދާޅުވިއެވެ.

ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބާއްވާފައި ވަނީ މިދިޔަ އަަހަރުގެ ޑިސެމްބަރު ހަ ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ އަމުރަކަށް އެދިފައެވެ. އެކަމަކު އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ އެ އަމުރު ނެރެނުދެއްވުމަށެވެ. މި މައްސަލައިގައި ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާއެވެ.

ރައީސް ޔާމީނަށް އުފުލާފައިވާ ދެ މައްސަލައިގެ ޝަރީއަތް ނިންމައި ހުކުމް ކުރަން އަވަސް ކުރި ސަބަބު އޮޅުން ފިލުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.