ކުޅިވަރު

21 ވަނަ ގްރޭންޑް ސްލޭމާއެކު ނަޑާލަށް ރެކޯޑެއް


ޓެނިހުގެ ދުނިޔޭގައި ގްރޭން ސްލޭމް މުބާރާތަކީ އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ ޝަރަފް ވެރި މުބާރާތްތަކެވެ. އަދި ގްރޭން ސްލޭމް މުބާރާތެއް ކާމިޔާބު ކުރެވުމަކީ ޓެނިސް ކުޅުންތެރިން އެކަމަކަށް އަބަދުވެސް ހުވަފެން ދެކެމުން އަންނަ ކަމެކެވެ. މިއަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ވެފައިވަނީ ވަރަށް ތާރީޚީ އަދި އެހާމެ ފޯރި ގަދަ މުބާރާތަކަށެވެ. ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް މުބާރާތަށް އޮސްޓްރޭލިއާއަށް ދިޔަ ތަނާ ހިފެއްޓި ހިސާބުން ފެށިގެން އެނާ ޑީޕޯޓް ކޮށްލުމާ، 1978 ވަނަ އަހަރަށް ފަހު އޮސްޓްރޭލިއާގެ ރައްޔިތަކު އޮސްޓްރޭލިއަން އޯޕަންގެ ތަށްޓެއް އުފުލާލުމާ އަދި 21 ވަނަ ގްރޭން ސްލޭމް ކާމިޔާބުކުރި ފިރިހެން ފުރަތަމަ ޓެނިސް ކުޅުންތެރިޔާއަށް ރަފައެލް ނަޑާލް ވެގެން ދިއުން ފާހަގަ ކޮށްލެވެއެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ކަން ހޯދައި، 21 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ރަފައެލް ނަޑާލް މިވަނީ ވެފައެވެ. ނަޑާލް މިމުބާރާތް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލްގައި މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވި ރަޝިޔާގެ ޑަނީލް މެޑްވެޑޭވް އާއި ވާދަކޮށް ވަރަށް ފޯރިގަދަ މެޗަކަށްފަހު 3 ސެޓް 2 ސެޓުންނެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ތަޖްރިބާކާރު ޓެނިސް ކުޅުންތެރިޔާ ނަޑާލް ކާމިޔާބު ކޮށްފާނެކަމަށް ބުނެފިނަމަ އޭނާއަށް ވަރަށް ވަފާތެރި ސަޕޯޓަރެއް ފިޔަވާ ގަބޫލެއް ހުކުރާނެއެވެ. މިމުބާރާތް ކާމިޔާބު ކުރުމަށް ނަޑާލް އުންމީދު ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވިދާނެކަމަކަށް ހުދު ނަޑާލްވެސް ގަބޫލް ނުކުރާނެއެވެ. މީގެ ސަބަބު ތައް ވަރަށް ގިނައެވެ. 2021 ވަނަ އަހަރުގެ ފަހު ހަތް މަހުގެ ތެރޭގައި އޭނާގެ ފައިތިލަޔަށް ލިބިފައިވި އަނިޔާ އާއެކު ކުޅެވޭގޮތްވީ އެންމެ މުބާރާތެކެވެ. އަދި ސީޒަންގެ ފަހުބައި އޭނާ ގަސްދުކުރީ ކުޅުމާއި ދުރުގައި ހުރެގެން ރަނގަޅަށް ފަޔަށް ފަރުވާކޮށްގެން މިއަހަރާއި ކުރިމަތިލާށެވެ. ނަމަވެސް އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރީތަށް ފެށުމާއެކު މިދިޔަ މަހު އޭނާއަށް ކޯވިޑް-19 ޖެހި ވަރަށް ބޮޑަށް ހުން އައިސް މިފަހަރުގެ މުބާރާތުގެ ތައްޔާރީތަށް ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ އޮތް ކުޑަ ކުޑަ އުންމިދާއެކު އޮސްޓްރޭލިއަން އޯޕަންއަށް ކުރިމަތިލުމާއެކު ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. މިދިޔަ އަހަރުގެ ބޮޑު ބައި ކުޅުމާއި ދުރުގައި ހުރުމުގެ ސަބަބުން އޭނާގެ ފެންވަރާއެކުވެސް ވާދަކުރަން ލިބުނީ ހަވަނަ ސީޑްގެ ހައިސިއްޔަތުންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި މެޗަކަށްފަހު މެޗެއް އޭނާގެ ކުޅުން ރަނގަޅުވަމުން ދިޔަތަން ފެން ނަމުން ދިޔަ ނަމަވެސް ރޭގެ ފައިނަލް މެޗްގެ ފަހު ތިން ސެޓްގައި ފެނިގެން ދިޔައީ މިމުބާރާތުގެ އިތުރުން އޭނާގެ ކެރިއަރުގައިވެސް ފެނިގެން ގޮސްފައިވާ އެންމެ މޮޅު އެއް ކުޅުން ކަމުގައި ދެންނެވިދާނެއެވެ. އޭނާ ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 2-6، 6-7 ،(5-7)، 6-4، 6-4، 7-5 އިންނެވެ.

ފަސް ގަޑިއިރާއި 24 މިނެޓަށް ދެމިގެންދިޔަ މިމެޗް ނަޑާލް ކާމިޔާބުކުރީ މެޑްވެޑޭވް ފުރަތަމަ ދެސެޓް ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ވަރަށް ފޯރީގައި ޖެހިޖެހިގެން ފަސް ގޭމް ކާމިޔާބުކޮށް ދެއެއް ހަޔަކުން ކާމިޔާބުކުރީ މެޑްވެޑޭވްއެވެ. ދެވަނަ ސެޓްގައި ދެގޭމް އެއްގޭމާއި ހިސާބުން ނަޑާލް ކޮޅަށް ސެޓް ބުރަވެ ހަތަރު ގޭމް އެއް ގޭމްގެ ލީޑެއް ނަޑާލް ނެގިތަން ފެނިގެންދިޔައެވެ. އަދި ރޮޑް ލެވަރ އެރިނާއަށް ވަދެތިބި ކުޅިބެލުންތެރިންގެ ތެރޭގައި ނަޑާލަށް ސަޕޯޓްކުރާ މީހުން ވަރަށް ގިނަވާންފެށިއެވެ. އަދި މިސެޓްގައި ނަޑާލް ސެޓް ޕޮއިންޓާ ހަމައަށް ދިޔަ ނަމަވެސް މެޑްވެޑޭވްގެ ހިތްވަރުން ވަނީ މިސެޓް ޓައި ބްރޭކަކަށް ގެންގޮސް ހައެއް ހަތަކުން ކާމިޔާބުކޮށް ދެސެޓްގެ ލީޑެއް ނަގާފައެވެ. އަދި ތިންވަނަ ސެޓްވެސް ވަރަށް ހަމަހަމަކޮށް ދަމުން ގޮސް ނަޑާލް ކޮޅަށް އެނބުރިގެންދިޔައީ ތިންވަނަ ސެޓްގެ ނުވަވަނަ ގޭމްގައެވެ. އެހާހިސާބުން ނަޑާލްގެ ކުޅުން ވަރުގަދަވެ ހައެއް ހަތަރަކުން އެސެޓް ކާމިޔާބުކޮށް ހިތްވަރު އާކުރިއެވެ. ގިނަ ބަޔަކު ގަބޫލް ކުރި ގޮތުގައި މިސެޓްގައި މެދްވެޑޭވަށް މާއަވަހަށް މެޗް ކާމިޔާބު ކުރެވުނު އިހްސާސް ކުރެވުނެވެ. އެހާހިސާބުން މުޅި އެރީނާގެ ގިނަ މީހުން އެއް އަޑަކުން ދިޔައީ ނަޑާލްއަށް އޮތް ތާއީދު ހާމަކުރަމުންނެވެ. ވަކި ހިސާބަކުން މެޑްވެޑޭވް އެކަމާއި ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ. ނަމަވެސް މިއީ ޓެނިހުގެ ބޮޑެތި މުބާރާތް ތަކުގައި ކަން ހިނގާގޮތެވެ.

ކްރައުޑް ފޭވަރިޓަށް އޮންނަ ތާއީދާހެދި އިދި ކޮޅު ކުޅުންތެރިޔާއަށް ކުޅެންވެސް އުނދަގޫވާވަރު ނުވަތަ ހިތްވަރު އެލޭތަންވެސް އާދެއެވެ. ފުޓްބޯޅަ ފައިނަލް މެޗްތަކުގައި ދެޓީމްގެ ސަޕޯޓަރުންނަށް ހަމަހަމަ އުސޫލުން ޓިކެޓް ދޭ އުސޫލުން ޓެނިހުގެ ފައިނަލް މެޗްތަކަށްވެސް ކަން ކޮށްފާނެތޯ މިއީ އުފައްދާލަން ރަނގަޅު ސުވާލެކެވެ. އަދި ހަތަރު ވަނަ ސެޓްގައިވެސް ނަޑާލްގެ މޮޅު ކުޅުމާއި ސަޕޯޓަރުންގެ ހިތްވަރުން ހައެއް ހަތަރަކުން ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗް ހަމަހަމަ ކުރިއެވެ. އަދި ފަސް ވަނަ ސެޓާ ހަމައަށް ދިޔައިރު ނަޑާލް ހުރިހާ ގޮތަކުންވެސް ފެނިގެންދިޔައީ މެޑްވެޑޭވަށް ވުރެ ފޯމްގައި ކުޅެމުންދިޔަ ތަނެވެ. މިގޮތުން ސެޓުގެ ކުރީ ކޮޅު ބްރޭކް ޕޮއިންޓެއް ކާމިޔާބުކޮށް ދިހަ ވަނަ ގޭމްގައި ޗެމްޕިއަންޝިޕަށް ސަރވްވެސް ކުރިއެވެ. ނަމަވެސް މެޗްގެ ތިންވަނަ ސެޓްގައި މެދްވޭޑޭވަށް ދިމާވި ގޮތަށް އިރުކޮޅަކަށް ނަޑާލްއަށްވެސް ޕްރެޝަރު އިހްސާސް ކުރެވިގެންދިޔަ ތަން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެގޭމް ބްރޭކް ކޮށް ފަހެއް ފަހަކުން މެޑްވޭޑޭވް އެއްވަރުކުރިއެވެ. ނަމަވެސް ޖެހިގެން އައި ދެގޭމް ކާމިޔާބުކޮށް ފިރިހެން ޓެނިހުގެ ދުނިޔޭގައި މުޅިން އާ ސޮފްހާއެއް ނަޑާލް އަނެއްނާވެސް ހުޅުވާލަދިނެވެ. މިއީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ނަޑާލް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މިއާއެކު 21 ވަނަ ގްރޭން ސްލޭމް ޖޯކޮވިޗް ކާމިޔާބު ކުރުމުގެ ވާހަކައިން ފެނިގެންދިޔަ މިމުބާރާތް މިނިންމާލީ 21 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔާގެ ލަގަބު ނަޑާލަށް ލިބިގެންދިޔަ ވާހަކައިންނެވެ.