ޚަބަރު

ހިއުމަން ރައިޓްސް ގޮނޑިއަށް ތުރުކީގެ ތާޢީދު ރާއްޖެއަށް!


އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބުކުރުމަށް ތުރުކީވިލާތުން ތާޢީދުކުރާނެކަން ހާމަކޮށްފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިިލާން ނިންމާފައިވަނީ، 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިޚާބު އޮންނާނީ އަންނަ އަހަރުއެވެ. އެ އިންތިޚާބުގައި ރާއްޖެއަށް ތަޢީދުކުރާނެކަން ތުރުކީވިލާތުން ހާމަކުރެއްވީ އެޤައުމުގެ ފޮރިން މިނިސްޓަރ މެވްލުތު ޝަވްޝަގްލޫ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ޕްރެސް ސްޓޭޓްމަންޓްގައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރަމުން އަންނަ މައްސަލަތަކަށާއި، އަދާކުރާ ދައުރަށް ތުރުކީވިލާތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބުކުރުމަށް ތުރުކީވިލާތުން ތާޢީދުކުރައްވާނެކަން ހާމަކުރެއްވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއިން އެ ގޮނޑިއަށް އިންތިޚާބުވުމަށް ތުރުކީވިލާތުގެ ވޯޓަކީ މުހިންމު ވޯޓެއްކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރާނެކަން އިއުލާނު ކޮށްފައިވަނީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި 2020 ފެބުރުއަރީ މަހުގެ 25ގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރުމާއި މެންބަރު ގައުމުތަކުގެ އަޑު އުފުލައިދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އދ. ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަކުރަން ނިންމާފައިވާއިރު، ރާއްޖެއިން ވަނީ 2010 އިން 2013 އަށް، އަދި 2013 އިން 2016 އަށް، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން އަދާކޮށްފައެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި، މޫސުމީ ބަދަލުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ކަންކަން ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑު ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.

އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ގައުމަކާއި، އޭޝިއާގެ 13 ގައުމަކާއި، އިރުމަތީ ވިލާތުގެ 6 ގައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ގައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ގައުމުތައް ހިމެނޭގޮތަށް 7 ގައުމަކާއިއެކު، ޖުމްލަ 47 ގައުމެއްގެ މައްޗަށެވެ.

މި އިންތިހާބުގައި އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ގައުމުތައް އިންތިހާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.