ތަޢުލީމު

ޓެކްސްޓް ފޮތްތަކުގެ ބޮޑު ބައެއް ސްކޫލްތަކަށް ފޮނުވައިފި


ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ 90 އިންސައްތަ މިހާރު ސްކޫލުތަކާއި ޙަވާލު ކުރައްވާފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިރާސީ އައު އަހަރަގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު، މިވަގުތު އެޑިއުކޭޝަން މިނިސްޓްރީން އެންމެ ހަލުވިކަމާއިއެކު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ކިޔެވުން ފެށެންވާއިރަށް، ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލުތަކަށް ލިބިދެއްވުމުގެ މަސައްކަތެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތަކުގެ 90 އިންސައްތަ މިހާރު ސްކޫލުތަކަށް ފޮނުވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.  އަދި ކިޔެވުން ފެށެންވާއިރަށް މާލެއާއި، އަތޮޅުތަކުގެ ހުރިހާ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓްރީ ޑރ. ޢަބްދުލް މުޙުސިން މުޙައްމަދު ވިދާޅުވީ، މިދޭތެރެއިން މޫސުން ގޯސްވުމުގެ ސަބަބުން، ބައެއް އަތޮޅުތަކަށް ޓެކްސްޓްފޮތް ފޮނުއްވުމުގައި ދަތިތަކެއް ކުރިމަތިވެ ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރައްވަމުން ގެންދަވާކަމަށެވެ.  ޑރ. މުޙުސިން ވިދާޅުވީ ރާއްޖޭން ބޭރުން ޗާޕުކުރައްވައިގެން ގެންނެވުމަށް ހަމަޖެހިފައިވާ ޓެކްސްޓް ފޮތްތައްވެސް މިމަހުގެ 7 ގެ ނިޔަލަށް އެ މިނިސްޓްރީއަށް ލިބިވަޑައިގަންނަވާނެކަމަށެވެ.

މިދިޔަ އަހަރު ބައެއް ޓެކްސްޓް ފޮތްތަކުގެ ކޮލިޓީ ދައްވުމުން، އެކަމުގެ ޝަކުވާ ބެލެނިވެރިން ކުރެއްވި ނަމަވެސް، މިއަހަރު އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިނުވާނެކަމަށް ޑރ. މުޙުސިން ވިދާޅުވިއެވެ. ޑރ. މުޙުސިން ވިދާޅުވީ، ފޮތްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދަނީ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ވަކި މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށާއި، ފޮތްތައް ޑިޒައިންކުރުމުގެ މަސައްކަތުން ފެށިގެން، ފޮތްތައް ޗާޕުކުރުމާއި ހަމައަށްވެސް، އެ މަސައްކަތް މިނިސްޓްރީން ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށެވެ. 

މިއަހަރުގެ ކިޔެވުން ފެށިގެންދާއިރު، ޤައުމީ އައު މަންހަޖުގެ، ކީ ސްޓޭޖް 2 އަށް ޢަމަލުކުރަން ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކީ ސްޓޭޖް 2 އަށް ބޭނުންވާ ދިވެހި، އިސްލާމް އަދި ޤުރުއާން މި 3 މާއްދާ ފިޔަވައި، އެހެން މާއްދާތަކުގެ ފޮތްތައް ޗާޕުކުރައްވައިގެން ގެންނެވުމަށް ހަމަޖެހިފައިވަނީ ރާއްޖޭން ބޭރުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޤައުމީ އައު މަންހަޖުގެ ކީ ސްޓޭޖް 2 އަށް ބޭނުންވާ ހުރިހާ މުޤައްރަރުތަކެއް ޢާއްމުންނަށް ކިޔޭނެހެން  ނޭޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީގެ ވެބްސައިޓްގައި ހިމަނުއްވާފައެވެ. އަދި ޓެކްސްޓް ފޮތްތައް ތައްޔާރުކުރެއްވުމުގެ މަސައްކަތް ނިމުމާއެކު، ބެލެނިވެރިންނަށް، ޚާއްޞަ ގޮތެއްގައި އަތޮޅުތަކުން ވަޑައިގަންނަވާ ބޭފުޅުންނަށް ވީހާވެސް ފަސޭހައިން އެތަކެތި މާލޭގެ އެކި ސަރަޙައްދުތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.