ޚަބަރު

އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބަހައްޓަނީ


  • އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ އުންމީދެއް

  • މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހަމައެކަނި ހުޅުލޭގައި

އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައި އެކަނިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވޭ. ވެދަރ ރޭޑަރތައް ބެހެއްޓި، ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްކަންތައް އެއީ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް އަދި އާންމު ރައްޔިތުންގެ ދިިރިއުޅުމަށް ވަރަށް ބޮޑު ގުޅުމެއް ވާކަންތައްތަކެއް. އެހެންވީމަ މޫސުމަކީ ހުރިހާ އެންމެނަށްވެސް މުހިންމު އެއްޗެއް." މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވިއެވެ.

ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ ޑޮޕްލަރ ވެދަރ ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތު ދެނެގަނެވޭކަމަށެވެ. އަދި ހަމައެއާއެކު އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވެއެވެ.

ޑޮޕްލަރ ވެދަރ ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ވަޞީލަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނ.މާފަރުގައިި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެއީ ރާއްޖޭގައި ޤާއިމްކުރާ 6ވަނަ އޮބްޒަވޭޓަރީއެވެ. ނ. މާފަރުގައި ޤާއިމުކުރާ އައު އޮބްޒަވޭޓަރީއަކީ ރާއްޖޭގެ އުތުރު ސަރަހައްދުގެ މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަރުކަޒަކަށް ވެގެންދާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ސިޓީ ގަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކުގެ އިތުރުން ދިޔަވަރު ބަލާ ސްޓޭޝަންތައްވެސް ހުރެއެވެ.