ޚަބަރު

ރާއްޖެއަށް ފަތުރުވެރިން އައުމުގެ އެންމެ ކުރީގައި ރަޝިއާ!


ކޯވިޑާއެކު ބައެއް ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ދަށަށްދިޔައިރު، އަނެއް ބައި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވަނީ އިތުރުވެފައެވެ.

މިފަދަ އެއް ޤައުމަކީ ރަޝިއާއެވެ. ރަޝިއާ މަރކެޓުވެފައިވަނީ ކޯވިޑާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުތަށް އިތުރުވެގެން ދިޔަ މާރކެޓަކަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 20000އަށްވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ %18.4އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ ރަޝިއާއިން ރާއްޖެއަށް 222422 ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ 2020ވަނަ އަހަރު ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %262 އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 10602 ފަތުރުވެރިން އައިސްފައިވާއިރު މި އަދަދަކީ މި މުއްދަތުގައި ރަޝިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުުރުވެރިންގެ އަދަދަކަށްވުރެ ދެބައިކުޅައެއްބައި ދަށް ޢަދަދެކެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެހެންނަމަވެސް މިހާރު އިންޑިއާއަކީ ރާއްޖެއަށް 3ވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 9044 ފަތުރުވެރިންވަނެވެ.

މިދިޔަ އަހަރުގެ ޖަނަވަރީމަހުގެތެރޭ އިންޑިއާއިން ރާއްޖެއަށްވަނީ 19135 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައި ކުންފުނި އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުތެރޭ ރަޝިއާގައި ވަރުގަދަ ބޮޑެތި ކެމްޕެއިންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ ޖުމްލަ 122575 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 84148 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 45.7 އިންސައްތަ އިތުރު އަދަދެކެެވެ.