ޚަބަރު

މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް މައްޗަށް


ރާއްގޭޖައި ކޯވިޑްގެ ހާލަތު ގޯސްވެ މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

ކޯވިޑްގެ 4 ވަނަ ރާޅަކާ ރާއްޖެއިން ކުރިމަތިލާފައިވާއިރު ޕޮޒިޓިވް ކޭސްތައް އިތުރުވެ، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގެ އަދަދުވެސް މިވަނީ ދުވަހެއް ދުވަހަކަށް އިތުރުވާން ފަށާފައި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ކޯވިޑް-19އާ ގުޅިގެން މިވަގުތު 32 ރަށެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އެގޮތުން ކޯވިޑްގެ ހާލަތު ގޯސްވެ އެންމެ ފަހުން (އެޗްޕީއޭ)ން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ބ. ކެންދޫއެވެ. އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގގައި އޮތް ދެ ރަށަކީ ކ. މާފުށްޓާއި ހއ އިހަވަންދޫއެވެ. އެދެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އެގޮތުން މިހާރު މޮނިޓަރިންގގައި ހުރި ރަށްތަކަށް ބަލާއިރު މިޖެނުއަރީ މަހުގެ ތެރޭގައި 30 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްރަށްވެސް ހިމެނެއެވެ. އޭގެތެރޭގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި، ހއ ދިއްދޫ ހިމެނެއެވެ. މިސަރަޙައްދުތަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރައެވެ.

ކޭސްތައް އިތުރުވެ ބަލީގެ ހާލަތު އިތުރުވަމުން ދިއުމާ ގުޅިގެން ބޮޑެތި ރަށްރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެރަށް ރަށުގެ ކައުންސިލުންދަނީ ވަރުގަދަ ކުރަމުންނެވެ.