ކުޅިވަރު

ބަންގްލަދޭޝް މެޗްތަކަކީ ޒުވާން ކުޅުންތެރިންނަށް ލިބޭ ރަގަނޅު ތަޖްރިބާއެއް - ސާޖިދު


ބަންގްލަދޭޝް ޓީމަކީ މިސަރަހައްދުގެ ވޮލީގައި މިހާރު ދެރަ ޓީމެއް ނޫންކަމަށާއި ނަމަވެސް ރާއްޖެއިން ބަންގްލަދޭޝް ޓީމާއި ދެކޮޅަށް ނިކުންނާނީ އެޓީމް ބަލި ކުރަންކަމަށް ތަޖްރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ. ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގައުމީ ސީނިއަރ ވޮލީ ޓީމަށް ބޭރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗްގައިވެސް ރާއްޖޭގެ ޓީމް ތައްޔާރުކުރުމާއި ކޯޗްގެ ޒިންމާ ހާވާލުކޮށްފައިވަނީ ކޯޗް މުޙައްމަދު ސާޖިދާއެވެ.

ބަންގްލަދޭޝާއެކު ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 6 އިން 12އަށެވެ. މިމެޗަށް ތައްޔާރުވުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، އެންމެ ފަހުން ސެންޓްރަލް ވޮލީ މުބާރާތުގައި ވާދަކުރި ޓީމަށް ވަނީ ބަދަލްތަކެއް ގެނެސްފައެވެ. ހަސަން ނިލާމް އާއި ހުސެއިން ވިޝާމަށް މިމެޗްތަކުގައި ބައިވެރިނުވެވޭއިރު އިސްމާޢީލް ސާޖިދާއި އާދަމް ނަސީމް މިހާރު ތަމްރީންތައް ކުރިއަށްގެންދަނީ ބީޗް ވޮލީ ޓީމާއެކުއެވެ. އެހެންކަމުން ސާޖިދާއި އާދަމް ބައިވެރިވާނީ އެކުވެރިކަމުގެ މެޗްތަކަށް އެކަންޏެވެ.

ކޯޗް މުޙައްމަދު ސާޖިދު ބުނީ ބަންގްލަދޭޝް ޓީމަކީ ވަރުގަދަ ޓީމެއްކަމަށާއި މިހާރު އެޓީމު ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. އަދި އެންމެ ފަހުން ބަންގަލްދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައިވެސް އެޓީމްގެ ފެންވަރު އެނގިފައިވާކަމަށެވެ. ކޯޗް ސާޖިދު ބުނީ މިމެޗްތަކަށް ނިކުންނައިރު ރާއްޖޭގެ އެންމެ ވަރުގަދަ ޓީމް ނުފެންނާނެކަމަށާއި ނަމަވެސް މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންނާއެކު ރަގަނޅު ފައިޓެއް ދެވޭނެކަމަށެވެ.

"މިއީ ވަރަށް ރަގަނޅު މެޗްތަކެއް. ވެދާނެ މިއީ މެޗްތައް ކުޅުމަށް އެންމެ ރަގަނޅު ވަގުތު ނޫންކަމަށްވެސް. ނަމަވެސް އަބަދުވެސް އެކުވެރިކަމުގެ މެޗްތައް ކުޅުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ކުޅުންތެރިންނަށް ލިބޭ ތަޖްރިބާއެއް. މިވަގުތަށް ބަލާފަ ގިނަ ޒުވާން ކުޅުންތެރިންނަށް މިމެޗްތަކުގައި ފުރުސަތު ދޭނަން. މިއީ އެކުޅުންތެރިންނަށް، އެކުޅުންތެރިންގެ ފެންވަރު ދައްކާލަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް." ކޯޗް ސާޖިދު ބުންޏެވެ.

ގައުމީ ޓީމާ ކާއްޓޭ ތިން ވަނަ ފަހަރަށް ހަވާލުވީ މިދިޔަ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ.