ޚަބަރު

ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި މައިގަނޑު އެހެން ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވޭ: އެމްއެމްއޭ


މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަސްތެރޭ ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި، ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު އެހެން ހުރިހާ ސިނާއަތްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ، ކޮންމެ ތިންމަހަކުން ނެރޭ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައެވެ. އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގެ މިހާރުގެ ހާލަތާއި ކުރިއަށް އޮތް ކުއާޓަރުގައި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި ގުޅޭގޮތުން، އިގްތިސާދުގައި ހިމެނޭ މުހިއްމު ހަތަރު ދާއިރާކަމަށްވާ ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކާއި ސުވާލުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ކުރިއަށްގެންދާ ސަރވޭއަކަށްފަހު ނެރޭ ރިޕޯޓެކެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ ބިޒްނަސް ސާވޭ ރިޕޯޓުގައިވާގޮތުން ކޮންސްޓްރަކްޝަން ސިނާއަތް ފިޔަވައި ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަންގެ ދާއިރާއަށް ވަނީ ކުރިއެރުން ލިބިފައެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ދަތުރުފަތުރުކުރުމުގެ ދާއިރާއިންނާއި، މުވާސަލާތީ ދާއިރާއިން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ވަނީ އުފެދިފައި ކަމަށާއި، އެހެން ނަމަވެސް ވަޒީފާގެ އަދަދުތައް ކޮންސްޓްރަކްޝަން ދާއިރާއާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ދަށްވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރއަށްވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ދެމިގެންދާނެތީ، ރާއްޖޭގެ އިޤްތިސާދުގެ މައި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. އެހެން ނަމަވެސް ކުރިއެރުން ލިބޭ ދުވެއްޔަށް ފުރަތަމަ ކުއާޓަރުގެ ތެރޭގައި މަޑުޖެހުމެއް އަންނާނެ ކަމަށްވެސްވަނީ ލަފާކޮށްފައެވެ.

ކުއާޓަރލީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނިތަކުގެ މާލީ ހާލަތަށްވެސްވަނީ ކުރިއެރުން ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާގެ ކުންފުނިތަކުގެ މާލީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

2013ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން އާއްމުކުރާ ބިޒްނަސް ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެދިނުންކަމަށް އެމްއެމްއޭއިން ބުނެއެވެ.