ޚަބަރު

އެވަޓަންއިން އެޓީމުގެ ކޯޗްކަން ލެމްޕާޑަށް ހުށަހަޅައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ އެވަޓަންގެ ހުސްވެފައިވާ ކޯޗްކަމުގެ މަގާމް ޗެލްސީގެ ކުރީގެ ކޯޗް ފްރޭންކް ލެމްޕާޑަށް ހުށަހަޅައިފިއެވެ.
އުމުރުން 43 އަހަރުގެ ލެމްޕާޑް ޗެލްސީގެ ކޯޗްކަމުގެ މަގާމުން ވަކިކުރިފަހުން މިހާތަނަށް ހުރީ އެއްވެސް ޓީމަކާއި ނުގުޅިއެވެ.

އެވަޓަންއިންވަނީ ލެމްޕާޑްގެ އިތުރުން ޕޯޗުގަލްގެ ވީޓޯ ޕެރެއިރާ އާއި ވަގުތީ ގޮތުން އެވަޓަންގެ ކޯޗް ކަމާއި ހަވާލުވެހުރި ޑަންކަން ފާގަސަން އާވެސް ދެވަނަ އިންޓަރވިއުކޮށްފައެވެ. އަދި އެއަށްފަހު އެވަޓަންއިން ނިންމީ ލެމްޕާޑަށް މަގާމް ދިނުމަށެވެ.

އެވަޓަންއިން އެޓީމްގެ ކޯޗް ރަފައެލް ބެނީޓޭޒް މަގާމުން ވަކިކުރީ އެޓީމުން އެންމެ ފަހުން ކުޅުނު 13 މެޗްގެ ތެރެއިން އެންމެ މެޗަކުން މޮޅުވުމާއި ގުޅިގެންނެވެ. ކުރިން ލިވަޕޫލަށް ކޯޗް ކޮށްދީފައިވުމުގެ ސަބަބުން އެވަޓަން އާއި ހަވާލުވެ ސަޕޯޓަރުންގެ އިތުބާރު ހޯދުމަށް ގިނަ ދުވަސް ތަކެއް ނެގި ބެނީޓޭޒްއަށް މަގާމްގައި ހުރެވޭވަރުވީ ގާތްގަޑަކަށް ހަތްމަސް ވަންދެނެވެ. އަދި މަގާމުން ވަކިކުރިއިރު އެވަޓަން އޮތީ ޕްރިމިއަރ ލީގުގެ 16 ވަނައިގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެވަޓަންގެ ބޯޑުން ބޮޑަށް ބޭނުންވީ ޕެރެއިރާ މަގާމަށް ގެންނާށެވެ. ނަމަވެސް ކްލަބްގެ ސަޕޯޓަރުންވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ލެމްޕާޑަށް މަގާމް ދިނުމަށް އެދިފައެވެ. އަދި ކްލަބް ހިންގަމުންދާ ގޮތާމެދު މިދިޔަ ބުދަ ދުވަހު ސަޕޯޓަރުންތަކެއްވަނީ ހިތްހަމަ ނުޖެހުންވެސް ފާޅުކޮށްފައެވެ. އެވަޓަންއިން ވަނީ ޗެމްޕިއަންޝިޕްގެ ކްލަބް ޑަރބީ ކައުންޓީގެ ކޯޗް ކަމުގެ މަގާމްގައި ހުރި ވޭން ރޫނީ އާވެސް ވާހަކަ ދެއްކުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރޫނީ މިވަގުތު ކްލަބް ބަދަލުކުރަން ބޭނުން ނޫންކަމަށް ޚަބަރު ލިބެއެވެ.

ލެމްޕާޑްވަނީ ޗެލްސީގެ ކޯޗްކަމުގައި ހޭދަކުރި 18 މަހުގެ ތެރެއިން ފުރަތަމަ ސީޒަންގައި އެޓީމް ޕްރިމިއަރ ލީގުގެ ހަތަރު ވަނައިގާ އޮވެ ސީޒަން ނިންމާލުމުގެ އިތުރުން އެފް އޭ ކަޕްގެ ފައިނަލަށް ގެންގޮސްދީފައެވެ.