ޚަބަރު

ފިއޮރެންޓީނާއަށް ކުޅޭ ވުލަހޮވިޗް ޔުވެންޓަސްއަށް ސޮއިކޮށްފި


އިޓާލިއަން ސެރީއާގެ ފިއޮރެންޓީނާއަށް ކުޅޭ ސަރބިއާގެ ފޯވަޑް ޑުސާން ވުލަހޮވިޗް ޔުވެންޓަސްއަށް ސޮއިކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޔޫވޭއިން ވުލަހޮވިޗް ސޮއިކޮށްފައިވަނީ 58 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 22 އަހަރުގެ ފޯވަޑް ހޯދުމަށް ގިނަ ކްލަބްތަކަކުން ލޯއަޅަމުންދިޔައެވެ. ޚާއްސަކޮށް އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއިން ވުލަހޮވިޗް ގެންދިއުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ދާންބޭނުންވީ ޔޫވޭއަށެވެ. އަދި ވުލަހޮވިޗް ޔޫވޭއަށް ސޮއިކޮށްފައިމިވަނީ އޭނާގެ 22 ވަނަ އުފަންދުވަހުއެވެ. ވުލަހޮވިޗް މިސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފިއޮރެންޓީނާއަށް މިސީޒަންގައި 20 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ސަރބިއާ ޤައުމީ ޓީމަށްވެސް މުހިންމު ލަނޑުތަކެއް ވަނީ ޖަހާދީފައެވެ.

އެގޮތުން މިއަހަރުގެ ފަހު ކޮޅު ޤަތަރުގައި އޮންނަ ފީފާ ވަރލްޑް ކަޕަށް ސަރބިއާ ސީދާ ކޮލިފައިވުމަށްޓަކައި އަޒަރުބައިޖާނާއި ލަގްޒެމްބަރގް ކޮޅަށް އޭނާ ޖެހި ލަނޑުތައް ފާހަގަ ކޮށްލެވެއެވެ. ފިއޮރެންޓީނާއިން ވުލަހޮވިޗް މިވިއްކާލީ އޭނާ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމަށް ބޭނުން ނޫން ކަމަށް ބުނުމުންނެވެ. ފިއޮރެންޓީނާއާއެކު ވުލަހޮވިޗް ހަދާފައިވާ އެއްބަސްވުން ނިންމުމަށް ހަމަޖެހިފައިވަނީ 2022-2023 ވަނަ ސީޒަނާއެކުއެވެ.