ކުޅިވަރު

ޓީމްތައް އިންޑިޔާއަށް ފޮނުވުމަށް އިންޑިޔާގެ އެހީއަކަށް


ސައުތް އޭޝިއަން ގޭމްސްއަށް ދިއުމަށް ސަރުކާރުން ޚަރަދުކުރާ ޓީމްތަކުގެ ތެރޭގައި ނުހިމެނުނު ޓީމްތައްވެސް ގޭމްސްއަށް ފޮނުވުމަށް އިންޑިޔާ ސަރުކާރުގެ އެހީއަކަށް  މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މިއަދު އިންޑިޔާގައި އެދިއްޖެއެވެ.

 މޯލްޑިވްސް
އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވީ މިއަންނަ
މަހު އިންޑިޔާގައި އޮންނަ  ސައުތު އޭޝިއަން ގޭމްސްއަށް ދާ
ޓީމްތަކުގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި ހަމަނުޖެހޭ ކަންކަން ހަމަޖެއްސުމަށް ރާއްޖޭގައި ހުންނަ އިންޑިޔާ ސަފީރާ އެކު މިއަދު ބައްދަލުކުރައްވާ މަޝްވަރާކުރެއްވިކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ ކިބައިން އެހީއަކަށް އެދިފައިވާކަމަށެވެ. 

ސަރުކާރުން ނިންމަވާފައިވަނީ ނަތީޖާ ނެރެވޭނެ ކުޅީވަރުތަކަށް އިސްކަންދެއްވައިގެން ޚަރަދުތައް ކުރެއްވުމަށެވެ. އެއުޞޫލުގެ ތެރެއިން ގޭމްސްއަށް ތައްޔާރުވަމުން އައި ބައެއް ކުޅިވަރުތަކުން ގޭމްސްއަށްދާން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ހަމަނުޖެހުނު ނަމަވެސް، އެެހެން ގޮތްގޮތުން ފައިސާ ހޯދައިގެން އެޓީމްތަކުންވެސް ގޭމްސްގައި ބައިވެރިވުމަށް ސަރުކާރުން ހުރަހެއް ނާޅައެވެ. އަދި އެފުރުޞަތު އޮތީ ހުޅުވާލާފައެވެ.

މަރުޒޫޤް ވިދާޅުވީ
ސަރުކާރުގެ ޚަރަދުގައި ފޮނުވަން ނިންމާފައިވާ ޓީމްތަކުގައި ނުހިމެނޭ ބައެއް ކުޅިވަރުތަކުގެ ޓީމްތަކުންވެސް މީގެ
ދެމަސްދުވަސް ކުރިން ފަރިތަކުރުންތަށް ފަށާފައިވާކަމަށެވެ. އެހެންކަމުން
އެކުޅިވަރުތަކުގެ ކުޅުންތެރިންނަށް މާޔޫސްކަމެއް ގެންނަން ބޭނުން ނުވާކަމަށްވެސް މަރުޒޫޤް ވިދާޅުވިއެވެ.
އިންޑިޔާ ސަފީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މަރުޒޫޤް ވިދާޅުވީ އިންޑިޔާއިން
މިކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ސަފީރު ދެއްވާފައިވާކަމަށެވެ. އަދި
އިންޑިޔާއިން އަބަދުވެސް ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް
ކުރާނެކަމަށާ އެއްވެސް ހާލެއްގައި މާޔޫސްވާން ނުޖެހޭކަމަށް ސަފީރު
ވިދާޅުވެފައިވާކަމަށްވެސް މަރުޒޫޤް ވިދާޅުވިއެވެ. 

 ސަރުކާރުގެ ޚަރަދުގައި ގޭމްސްއަށް ފޮނުވަން ނިންމާފައިވާ ކުޅިވަރުތަކުގެ ލިސްޓްގައި ނުހިމެނެނީ ބާސްކެޓް، ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމް، ފުޓްބޯޅަ އަންހެން ޓީމް، ޓޭބަލް ޓެނިސް
ފިރިހެން ޓީމެވެ. މިނިންމުން ނިންމާފައިވާއިރު ހޭންޑްބޯލް ފަދަ
ކުޅިވަރު ތަކުގެ ގުރުވެސް ނަގާފައިވާކަމަށާއި މަހެއްހާ ދުވަހަށްވުމުން ސަރުކާރުން ބައެއް ކުޅިވަރުތަކަށް ޚަރަދު ނުކުރެވޭނެ ވާހަކަ ވިދާޅުވުމުން، މިއޮތް މަދު ދުވަސްކޮޅުގެ
ތެރޭގައި ފަންޑް ހޯދުމަށްވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށް މަރުޒޫޤް ވިދާޅުވިއެވެ.