ޚަބަރު

ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފިއެވެ.

އެކަމަށްޓަކައި ދެއްވަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ޚިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުންކަމުގައި ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ އިތުބާރުހުރި، ޒިންމާދާރު ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ގާއިމުކޮށްދިނުންކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުދީ އަދި އެކުގައި މަސައްކަތްކުރުމުގެ މާހައުލު ގާއިމު ކުރުންކަމަށާއި އެއީ މުޖުތަމައެއް އަމާންވެ ރައްކާތެރިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް މިފަދަ ރަށްރަށުގައިވެސް ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އަންނަ އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެެވެ. އަދި ރަށްރަށުގައި ހަމައެކަނި ފުލުހުން ބޭތިއްބުމާ ހަމައިން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާވެގެން ނުދާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާކަމުގައި ވިދާޅުވިއެވެ.

އެގޮތުން، އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތްތަކުގެ ރަނގަޅު އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށުގެ މުޖުތަމައާއި ކައުންސިލް އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ އޮނިގަނޑުން މަގުފަހިކޮށްދެވޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލްގެ ރައީސްއާއި ދެއްވަދޫ ކައުންސިލުގެ ރައީސް ބައިވެރިވެލެއްވިއެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.