ޚަބަރު

އެއަރޕޯޓްގައި އީ-ގޭޓް ހަރުކުރުމުގެ މަސައްކަތް ފައްޓަވައިފި




އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އީ-ގޭޓް
ހަރުކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.



ޕީ.އެސް.އެމް.އަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަން ޑިޕާޓްމަންޓްގެ
މީޑިއާ އޮފިސަރ ޙަސަން ޙަލީލް ވިދާޅުވީ މި މަސްތެރޭގައި ތަޢާރަފްކުރައްވާ އައު
ޕާސްޕޯޓާއިއެކު އީ-ގޭޓްގެ ޚިދުމަތް ފެއްޓެވުމަށްޓަކައި އީ-ގޭޓް ހަރުކުރުމުގެ
މަސައްކަތް ފައްޓަވާފައިވާކަމަށެވެ.



އީ-ގޭޓްގެ ޚިދުމަތާއެކު ޕާސްޕޯޓްގައި އިމިގްރޭޝަން ތައްގަނޑު
ޖަހަން މަޑުކުރަން ނުޖެހޭނެކަމަށް ޙަސަން ޙަލީލް ވިދާޅުވިއެވެ. އަދި، އީ-ގޭޓްގައި ޕާސްޕޯޓާއި ބޯޑިން ކާޑު ސްކޭން
ކުރުމަށްފަހު އިނގިލީގެ ނިޝާން ޖައްސާލަން ޖެހޭނެ ކަމަށާއި، އަދި ގޭޓް
ހުޅުވިގެންދާނީ ފަސިންޖަރުގެ މަޢުލޫމާތުތައް މެޝިންގެ އެހީގައި
ކަށަވަރު ކުރުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.





ޙަސަން ޚަލީލް ވިދާޅުވީ މި ޚިދުމަތް ދޭން ފަށާނީ ފުރަތަމަ
ދިވެހިންނަށް ކަމަށާއި، ޚިދުމަތް ފަށައިގަތުމަށްޓަކައި ޑިޕާޗަރ ގޭޓްގައި އެއް އީ-ގޭޓް
އަދި އެރައިވަލްގައި ގޭޓްގައި ދެ އީ-ގޭޓް ހުންނާނެކަމަށެވެ.



މި ޚިދުމަތް ފަށައިގަންނައިރު އިމިގްރޭޝަންގެ މުވައްޒަފުން
އެހީތެރިވުމުގައި ތިއްބަވާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.