ޚަބަރު

112 ޤައުމަކަށް އެމެރިކާއިން ވެކްސިންގެ 400 މިލިޔަން ޑޯސް ދީފި


ދުނިޔޭގެ 112 ޤައުމަކަށް ކޯވިޑް-19ގެ ވެކްސިންގެ 400 މިލިޔަން ޑޯސް އެމެރިކާއިން ފޯރުކޮށްދީފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސުން ބުނެފައިވަނީ މަދުން އާމުދަނީ ލިބޭ ޤައުމުތަކަށް 1.2 ބިލިޔަން ޑޯސް ދޭން ނިންމާފައިވާކަމަށާއި އޭގެ ތެރެއިން 400 މިލިޔަން ޑޯސް ފޯރުކޮށްދީފައިވާނެކަމަށެވެ. އަދި އެމެރިކާއިން ފޯރުކޮށްދޭ ވެކްސިންގެ ޑޯސްތަކުގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންނުވާކަމަށާއި އެ ޤައުމުން އެންމެ ފަހުން ވެކްސިންގެ ޑޯސްތައް ފޯރުކޮށްދީފައިވަނީ ޕާކިސްތާނާއި ބަންގުލަދޭޝަށްކަމަށްވެސް ވައިޓު ހައުސުން ބުނެފައިވެއެވެ. އެ ގޮތުން ބަންގުލަދޭޝަށް 3.2 މިލިޔަން ޑޯސް އަދި ޕާކިސްތާނަށް 4.7 މިލިޔަން ޑޯސް އެމެރިކާއިންވަނީ ފޯރުކޮށްދީފައެވެ.

އެމެރިކާއިން ވެކްސިން ފޯރުކޮށްދެނީ ފަޤީރު ޤައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢީއްޔާއިން ޤާއިމުކޮށްފައިވާ ކޮވެކްސް މަޝްރޫޢުގެ ދަށުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢީއްޔާއިންވަނީ ކޮވެކްސް މެދުވެރިކޮށް 144 ޤައުމަކަށް 1 ބިލިޔަނަށްވުރެ ގިނަ ޑޯސް ފޯރުކޮށްދީފައެވެ. ޞިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ ފަޤީރު ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ދިނުމަށް 5 ނޫނީ 6 ބިލިޔަން ޑޯސް ބޭނުންވާނެކަމަށެވެ.