ޓުއަރިޒަމް

ޖަރުމަނުވިލާތުން ވިސާ ހޯދުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއްނެތް


ޖަރުމަނުވިލާތުން ވިސާ ހޯދުމުގައި ދިވެހި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ ބަސްދީ ޤަތުމެއްގައެވެ.2015 ވަނަ އަހަރަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ޓެރަރިޒަމްގެ ނުރައްކާ ވަރަށް ބޮޑުވެގެން ދިޔަ އަހަރެކެވެ. ބައެއް ޤައުމުތަކަށް ޓެރަރިސްޓް ޙަމަލާތައް ދީފައިވާއިރު، އަނެއްބައި ޤައުމުތަކަށް ޓެރަރިސްޓް ޙަމަލާދޭނޭ ކަމުގެ އިންޒާރުތަކެއް ދިނުމުގެ ސަބަބުން މުޅި އަހަރު އެކަމުގެ ނުރައްކަލުގައި ތިބެންޖެހުނު ޤައުމުތައްވެސް މަދެއް ނޫނެވެ. އަދި މިފަދަ ޙަމަލާތައް ނުދިން ނަމަވެސް، އަވަށްޓެރި ޤައުމުތަކުގައި ޓެރަރިޒަމްގެ ޢަމަލުތައް ހިނގަމުންދާތީ، އަމިއްލަ ޤައުމަށް ނުރައްކާވެދާނެކަމުގެ ބިރުހީވެފައިތިބި ޤައުމުތައްވެސް ގިނައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޤައުމުތަކުން އެޤައުމެއްގެ ރައްކަލުގައި ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ. މީގެތެރޭގައި އެއްގަމާއި ވައިގެ މަގުން އެޤައުމުތަކަށް ވަނުމާއި، އެ ޤައުމުތަކަށް ވިސާހޯދުމަށް އޮންނަ އުޞޫލްތައް ހަރުކަށިކުރުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. މިފަދަ ފިޔަވަޅުތައް އެންމެ ބޮޑަށް އެޅި ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ޤައުމުތައް ހިމެނެއެވެ. ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ޤާއިމްކޮށްފައިވާ ވިސާ ރެޖީމް "ޝެންގެން" ވިސާ ދޫކުރުމުގައި ބައެއް މެމްބަރު ޤައުމުތަކުން ގެނައި އުޞޫލީ ބަދަލުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އުޞޫލީ ބަދަލުތަކެއް އައިނަމަވެސް، ދިވެހިންނަށް އެ ވިސާ ހޯދުމުގައި އެއްވެސް ދައްޗެއް ނެތްކަމަށެވެ. ދުންޔާ ވިދާޅުވީ ޖަރުމަނަކީ، އެ ޤައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ، އަދި ބައިނަލްއަޤްވާމީ ވިޔަފާރީގެ ގިނަ މުޢާމަލާތްތަކެއް ހިނގާ ޤައުމަކަށްވުމުން، ވިސާގެ ކަންކަން ޙައްލުކުރެއްވުމުގެ ގޮތުން ޖަރުމަންވިލާތުގެ ސަފީރާއިވެސް މަޝްވަރާ ކުރައްވާފައިވާކަމަށެެވެ. އަދި ކުރިން އޮތް ގޮތަށް މާލޭގައި ތިބެގެން ވިސާޖެހޭނެ އުޞޫލެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވިއެވެ.ޝެންގެން ވިސާ ރެޖީމްގައި ހިމެނެނީ ޔޫރަޕްގެ މެމްބަރު 22 ޤައުމަކާއި އެ ބައްރުގައި ނުހިމެނޭ 4 ޤައުމެއް ކަމަށްވާ ނޯވޭ، އައިސްލޭންޑް، ސްވިޓްޒަލޭންޑް އަދި ލިޝްޓެންސްޓައިނެވެ. މިއިން ކޮންމެ ޤައުމަކަށް ވިސާ ނެގިނަމަވެސް، އެ ވިސާ ބޭނުންކޮށްގެން މިރެޖީމްގައި ހިމެނޭ އެހެން ޤައުމުތަކައް ދަތުރުކުރެވެއެވެ. މީގެތެރެއިން ގިނަ ޤައުމުތަކަކީ އޮންލައިންކޮށް ވިސާއަށް އެދުމުގެ ފުރުޞަތު އޮންނަ ޤައުމުތަކެވެ.