ޚަބަރު

30 އަހަރަށްފަހު ތައިލޭންޑާއި ސަޢުދީ ޢަރަބިއްޔާ ގުޅުން ޤާއިމުކުރަނީ


30 އަހަރަށްފަހު ތައިލޭންޑާއި ސަޢުދީ ޢަރަބިއްޔާ ޚާރިޖީ ގުޅުން ޤާއިމުކުރަން ނިންމައިފިއެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު ޕުރަޔުތު ޗަންއޯޗާ ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއެކު ބޭއްވެވި ބައްދަލުވުމެއްގައި 2 ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކޮށް ސަފީރުން ބަދަލުކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި 2 ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ޤާއިމުކޮށް ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށްވެސްވަނީ އެ ބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ. އެއާއެކު ސަޢުދީ ޢަރަބިއްޔަން އެއަރލައިންސުންވަނީ އަންނަ މޭއި މަހުގެ ތެރޭގައި 2 ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެކަން އިޢުލާންކޮށްފައެވެ.

1989ވަނަ އަހަރާއި 1990ވަނަ އަހަރު ތައިލޭންޑާއި ސަޢުދީ ޢަރަބިއްޔާގެ ގުޅުން ހީނަރުވީ ސަޢުދީ ޢަރަބިއްޔާގެ ޝާޙީ ގަނޑުވަރުގައި މަސައްކަތްކުރި ތައިލޭންޑަށް ނިޞްބަތްވާ މީހަކު 20 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަޒާނާތަކެއް ވަގަށް ނެގުމުންނެވެ. އެ ވައްކަން ރާވައި ހިންގުމުގެ ތުޙްމަތުކުރެވިފައިވަނީ ތައިލޭންޑުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުގައި އޭރު މަސައްކަތްކުރި ބައެއްގެ މައްޗަށެވެ. ވަގަށް ނެގި ހަޒާނާތައް އަދިވެސް ފެނިފައެއް ނުވެއެވެ. އޭގެ ފަހުން ތައިލޭންޑުގައި 1 ރޭ މަތިން ތަފާތު 3 ސަރަޙައްދަކުން ސަޢުދީ ޢަރަބިއްޔާގެ 3 ޚާރިޖީ މުވައްޒަފުންވަނީ މަރާލައިފައެވެ. އެއާއެކު 2 ޤައުމުގެ ޚާރިޖީ ގުޅުންތައްވަނީ ކެނޑިފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދާއެކު ބޭއްވެވި ބައްދަލުވުމުގައި ޕުރަޔުތުވަނީ އެ ހުރިހާ ކަމަކަށް މަޢާފަށް އެދިވަޑައިގެންފައެވެ.