ރާއްޖޭގެ ރަށްތަކުގައި ކޮށްފައިވާ ތަޖުރިބާތައް ފެންނަ ކޮންމެވެސް ފޮޓޯއެއް ހިއްސާކޮށްގެން ބ. މާޅޮހުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އޫރިދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.
އެކުންފުނިން ބުނީ މިދިޔަ އަހަރު އޯކާ މީޑިއާ ގްރޫޕާ އެކު "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕޭނުގެ ދަށުން ރާއްޖޭގެ ރީތިކަން ޕްރޮމޯޓް ކުރުމަށް ފޮޓޯތައް ހިއްސާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މާޅޮހުގައި ހުންނަ ތުނޑިވިލެޖު ގެސްޓްހައުސްގައި ހުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހަކަށް ދެމީހަކަށް ދެ ރޭ އެގެސްޓް ހައުސްގައި ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އޫރިދޫން ބުނެއެވެ.
އަންނަ މަހުގެ 14 ވަނަދުވަހާ ހަމައަށް ހުޅުވާލި މި ފުރުސަތުގައި ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރާއިރު، ހޭޝްޓެގްގެ ގޮތުގައި "ވިޒިޓް މޯލްޑިވްސް ނައު" ބޭނުން ކުރަން ޖެހޭނެ ކަމަށްވެސް އޫރިދޫ މޯލްޑިވްސްއިން ބުނެއެެވެ.
2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕް ގުޅިގެން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައެވެ.