ޚަބަރު

ގްރޭޓަރ މާލޭ ކަނެކްޓިވިޓީގެ އެންމެ ފަހުގެ ސަރވޭތައް ފަށައިފި


ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ އެންމެ ފަހުގެ ސަރވޭގެ މަސައްކަތްތައް ސައިޓުގައި ފަށައިފިއެވެ.

މިއީ ބްރިޖްގެ ތަނބުތައް ޖެހުމުގެ ކުރިން ހަދާ ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތެކެވެ.

ޖިއޯ ޓެކްނިކަލް ސަރވޭއަކީ ތަނބުތައް ޖަހާ ބިމުގެ ވެލިގަނޑުގެ ޙާލަތު ބެލުމަށް ހަދާ ސަރވޭއެކެވެ. މި ސަރވޭގެ މަސައްކަތްތައް އެއްގަމުން ތަނބުތައް ޖަހާ ސަރަޙައްދާއި، އަދި ތަނބުތައް ޖަހާ ކަނޑުގެ ސަރަޙައްދުތަކުގައިވެސް ކުރިއަށްދާނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މާލެއާ ގުޅޭނީ، މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުންނެވެ. މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުން ބައެއް ކަނޑައަޅާ، ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ފެށީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަދި މިހާރު މިވަނީ ސަރިޓުގައި ސަރވޭގެ މަސައްކަތްތައް ފަށާފައެވެ.

ސަރވޭގެ މަސައްކަތް ކުރިއަށްގެންދަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. ބްރިޖްގެ މަސައްކަތް އެފްކޮންސް ކުންފުންޏާ ހަވާލުކުރި މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ބްރިޖްގެ ސަރވޭގެ މަސައްކަތްތައް، މިދިޔަ އަހަރުގެ އޮގަސްޓްމަހުން އޮކްޓޯބަރުމަހަށް ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ބްރިޖްގެ ބޮޑުމިނާއި، ފަރުމާއާއި އަދި ބްރިޖް އަޅާ ސަރަޙައްދުގެ އެކިއެކި ސަރވޭތައްވެސް މީގެކުރިންވެސް ކުރިއަށްގެންގޮސްފައިވެއެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި ފަށާފައިވާ ޖިއޯ ޓެކްނިކަލް ސަރވޭއަކީ ބްރިޖްގެ މަސައްކަތްތައް ބޭނުންވާ އެންމެ ބޮޑު ސަރވޭއެވެ.

ޕްލޭނިންގ މިނިސްްޓްރީއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހުން ފެށިގެން ބްރިޖްގެ ސައިޓް މަސައްކަތްތައް އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުގައި ފަށާނެއެވެ.

މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖެކެވެ. މި ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ، ގްރޭޓަރ މާލެ ސަރަޙައްދުގެ އިޤްތިޞާދީ ހަބްތައް ގުޅާލާ، ވިޔަފާރިއާ ގުޅުންހުރި މަސައްކަތްތަކަށް ފަހިކޮށްދިނުމެވެ.

މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ.