ޚަބަރު

އީގަލްސްގެ ކޯޗުކަމުން ޝާޒްލީ ވަކިވެއްޖެ


ކުލަބް އީގަލްސްގެ ކޯޗުކަން އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ދޫކޮށްލައިފިއެވެ. ކުލަބް އީގަލްސްގެ ކޯޗްކަން ދޫކޮށްލާފައިވާކަން ޝާޒްލީވަނީ ޔަގީންކޮށްދީފައެވެ. ޝާޒް ބުނީ ކޯޗްކަން ދޫކޮށްލީ އީގަލްސްއާ މެދު އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި މި ވަގުތަށް ބަލާއިރު، މިއީ އެންމެ ރަނގަޅު ނިންމުންކަމުގައި ގަބޫލުކުރެވޭތީ ކަމަށެވެ. ޝާޒްލީ ބުނީ އީގަލްސްގެ ކޯޗްކަން ދޫކޮށްލުމަށް މާ ކުރިން ނިންމާފައިވާކަމަށާއި މަޑުކުރީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ނިމެންދެންކަމަށެވެ.

ކުލަބް އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަހުމަދު ރިޒްވާން އަނިޔާއިން ރަގަނޅުވެގެން އީގަލްސް ޓީމާއި ގުޅުނު ފަހުން އެޓީމުގެ ކުޅުމަށްވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ފަހު ކޮޅުގައި އީގަލްސް ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ކޯޗް މުހައްމަދު ޝާޒްލީ ބުނީ އީގަލްސް ދޫކޮށްލީ ޓީމްއާއި އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަމަށާއި ނަމަވެސް ކޯޗްކަން ދޫކޮށްލީ އަމިއްލަ ބައެއް ކަހަލަ ސަބަބުތަކާއި ހުރެގެންކަމަށެވެ. އަދި އީގަލްސް ޓީމްގެ ފަރާތުން މިހާރު ފެންނަމުންދާ ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭކަމަށާއި ކުރިއަށް އޮތް ޕްރިމިއަރ ލީގްއަށް ޓީމްތަކުން ތައްޔާރުވަމުންދާއިރު، އީގަލްސްއަކީ ލީގްއަށް ވާދަކުރުމުގެ އިތުރުން، ލީގް ޗެންޕިއަންކަންވެސް ހޯދޭވަރުގެ ޓީމްއެއްކަމަށް ޝާޒްލީ ބުންޏެވެ.

އީގްކްސްގެ ކޯޗްކަމާއި ޝާޒްލީ ހަވާލްވެފައިވަނީ މިދިޔަ އަހަރު ޖެނުއަރީ 31 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ ސީޒަން މެދުތެރެއިން އީގަލްސްއާ ހަވާލުވެ ޝާޒް ވަނީ މިދިޔަ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ހިމެނޭ ގޮތަށް އީގަލްސް އަށް ޖުމްލަ އަށް މެޗުގައި ކޯޗުކޮށްދީފަ އެވެ. އަދި މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ހަތް މެޗުގައި ވެސް އީގަލްސް އަށް އިރުޝާދުދިނީ ޝާޒްއެވެ. ޝާޒްގެ ކޯޗުކަމުގައި ޖުމްލަ 15 މެޗު އީގަލްސް ކުޅުނެވެ. ހަ މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވީ އެއްވަރެވެ. އަދި ފަސް މެޗުން ވަނީ ބަލިވެފައެވެ.

މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސްގެ ފެށުން އެންމެ އެހާ ރަނގަޅެއް ނޫނެވެ. ފުރަތަމަ 3 މެޗުން ބަލިވީއިރު، ދެން ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވިއެވެ. މެޗަކުން ބަލިނުވެ، ޕްރެޒިޑެންޓްސް ކަޕްގެ ޗެންޕިއަންކަން ހޯދީ ވެލެންސިއާއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗްވަނީ އެއްވަރުކޮށްފައެވެ. އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރު ނިންމާލީ 5 ވަނައިގައި އޮވެގެންނެވެ.