ޚަބަރު

ދަ ގްރާންޑޭއިން ލަންކާގެ ގައުމީ ޓީމްގެ 2 ކުޅުންތެރިންގެ ސޮއި ހޯދައިފި


ސީޒަންއަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ދަ ގްރާންޑޭއިން ސްރީ ލަންކާ ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބްގެ ސޮއިހޯދައިފިއެވެ.

ޓްރާންސްފަރ މާކެޓް ބަންދުވިއިރުގައި ދަ ގްރާންޑޭއިން ވަނީ އީގަލްސްގެ އަހުމަދު ވިޖުދާންގެ ސޮއިވެސް ހޯދާފައެވެ.

ދަ ގްރާންޑޭއިން ލަންކާގެ ގައުމީ ޓީމްގެ ޗަމޯދު ދިލްޝާން އާއި މުހައްމަދު އާކިބްގެ ސޮއި ހޯދާފައިވާއިރު، މިދެ ކުޅުންތެރިންވަނީ ލަންކާގައި ނިމިގެންދިޔަ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްއާއި މާލޭގައި ނިމިގެންދިޔަ ސާފް ޗެންޕިންޝިޕްގައި ލަންކާއިން ކުޅުނު ހުރިހާ މެޗްއެއްގައިވެސް ކުޅެފައެވެ. ލަންކާގެ ލީގްގައި މިދެ ކުޅުންތެރިން ކުޅެނީ އެގައުމްގެ ކޮލަމްބޯ އެފްސީއަށެވެ.

ޗަމޯދާއި އާކިބް ދަ ގްރާންޑޭ ޓީމާ ގުޅުމުން އެ ޓީމުގައި ބިދޭސީ ހަތަރު ކުޅުނު ކުޅުންތެރިން ހަމަވީއެވެ. ދަ ގްރާންޑޭ އިން މީގެކުރިން ވަނީ ސާބިއާގެ ޑިފެންޑަރު މާކޯ އިވަނޮވިޗާއި ޖަޕާނުގެ ވިންގް ހޫގޯ ކަވަބާޓާ ގެނެސްފައެވެ. އެ ކުޅުންތެރިން ވަނީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ މެޗުތަކުގައި ދަ ގްރާންޑޭއަށް ކުޅެފައެވެ.

ދަ ގްރާންޑޭއިން ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ލަންކާގެ ގައުމީ ޓީމްގެ ކުޅުންތެރިން ގެނެސްފައިވާއިރު، ލަންކާ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕެރޭރާ ކުޅެމުން އަންނަނީ ކްލަބް ވެލެންސިއާއަށެވެ. ދެ ގްރާންޑޭއިން ވަނީ އަޔާޒް އަހުމަދު (އަޔާ) ސަސްއަށް ދޫކޮށްލައިފައެވެ. ދަ ގްރާންޑޭއިން ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރު ނިންމާލީ 7 މެޗުން 1 ޕޮއިންޓާ އެކުއެވެ.