ޚަބަރު

މިއަދު 2700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް، އެޑްމިޓްކުރާ މީހުންވެސް އިތުރުވަނީ


ރާއްޖެއިން އިތުރު 2700 އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ މިފަހުން ކޯވިޑް ކޭސްތައް އިތުރުވާން ފެށިފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރު އުޅެމީ 15،000އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2707 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 1420 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 761 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 94 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ސަފާރީތަކުން 3 މީހުން ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 120،168 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 15721 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 52 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 1662 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 104164 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7681 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 270 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވާއިރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަށްރަށުން ގިނަ ކޭސްތަކެއްފެނި، މިވަގުތުވެސް 25 ރަށް އޮތީ މޮނިޓަރިންގައެވެ.