ޚަބަރު

ޔޫތު ޗެމްޕިއަންޝިޕް އީގަލްސްއިން ފެށީ މޮޅަކުން


ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ކުލަބް އީގަލްސްއިން ރަނގަޅުކޮށްފިއެވެ.

އެފްއޭއެމްއިން ޔޫތު ޗެންޕިއަންޝިޕް އިއްޔެ ފަށާފައިވަނީ 9 ޓީމްއާއެކުއެވެ. އެއީ މަހިބަދޫ ސްޕޯޓްސް ކުލަބްގެ އިތުރުން ފުރަތަމަ ޑިވިޝަންގެ 8 ޓީމްއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އޭގައި ފަސް ޓީމް ހިނެނޭއިރު، މި ގުރޫޕްގައި ހިމެނެނީ އީގަލްސް، މާޒިޔާ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ. ގުރޫޕް ބީގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބް، ކުލަބް ވެލެންސިއާ، މަހިބަދޫ އަދި ޔުނައިޓެޑް ވިކްޓްރީއެވެ.

މުބާރާތުގެ ކުޅުން އިއްޔަގައި ފެށުނުއިރު، ފުރަތަމަ މެޗްގައި ސަސްއާއި ވާދަކޮށް ކުލަބް އީގަލްސްއިން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗް އީގަލްސްއިން ކާމިޔާބުކުރި ނަމަވެސް، މެޗްގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ސަސްއިންނެވެ. އޭރިއާ ބޭރުން ސަސްގެ އަހުމަދު ޖުމާން ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާން އަލީ ވަނީ ދިފާއުކޮށްފައެވެ. ސަސްގެ ގޯލްއާއި ދިމާލަށް އީގަލްސްގެ ކެޕްޓަން ހުމައިދު ހުސައިން ބޮލުން ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ގޯލްއާއި ސީދާ ކޮށްލެވޭ ގޮތެއް ނުވިއެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ކުލަބް އީގަލްސްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 32ވަނަ މިނެޓްގައި މުހައްމަދު ސަމާހު މޫސާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރުމަށް ސަސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.

މެޗުގެ 43 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ހުސްކޮށް ހުރެ ފޯވާޑް ޝާޒް ފޮނުވާލި ބޯޅަ ކީޕަރު ޝައިހާންވަނީ ދިފާއުކޮށްފައެވެ. މެޗުގައި އީގަލްސްއިން ލަނޑުޖެހުމާއެކު ސަސްއިންވެސް ގޯލްއެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމްއަށް އީގަލްސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.