ވިޔަފާރި

41 އަހަރުދުވަހުގެ ތެރޭގައި އެމްޓީސީސީއަށް އެންމެ ބޮޑު ފައިދާއެއް މިދިޔަ އަހަރު!


މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 264 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2021ވަނަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައިވެސް އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

2021ވަނަ އަހަރު އެމްޓީސީސީން 1.96 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށް، ޓެކުހަށް ކެނޑުމުގެކުރިން ލިބިފައިފާ ފައިދާ އުޅެނީ 264.45 މިލިއަނުގައެވެ. 2020ވަނަ އަހަރު އެމްޓީސީސީން ކޮށްފައިވަނީ 1.36 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ލިބިފައިވާ ފައިދާއަކީ 220.75 މިލިއަނެވެ.

އެމްޓީސީސީގެ 2021ވަނަ އަހަރުގެ 4ވަނަ ކުއާޓަރގެ މާލީ ނަތީޖާއަށް ބަލާއިރު އެ ކުއާޓަރުގައި 625.70 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 66.51 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020ވަނަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 2020ވަނަ އަހަރު އެމްޓީސީސީން 408.76 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. އެއަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 98.77 މިލިއަން ރުފިޔާއެވެ.

2021ވަނަ އަހަރުގެ 4ވަނަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެކުރިން އެމްޓީސީސީއަށް ލިބިފައިވަނީ 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާއެވެ. 2021ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. 4ވަނަ ކުއާޓަރުގައި 10 މަޝްރޫއެއް ވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ކުންފުނިން އެކުލަވާލާ ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަށްކޮށް މުރާޖާކުރަމުންދާކަމަށެވެ.