ޚަބަރު

ނޮޓިފިކޭޝަން ޚިދުމަތާއެކު ނުހޯދާ ޚިދުމަތަށް ބިލް ކުރާކަން ހާމަވާން ފަށައިފި


މީހުން ނުހޯދާ ޚިދުމަތަށް އާސަންދައަށް ބިލް ކުރުމުގެ ސަބަބުން 2 ކްލިނިކެއް ސަސްޕެންޑްކޮށް، އެކަން ތަޙުޤީޤު ކުރަމުންދާކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.

އާސަންދަ ހިދުމަތުގެ ތެރެއިން ނުހޯދައި ހިދުމަތަށް ބިލުކުރާކަން ހަމަވާން ފަށާފައިވަނީ އާސަންދައިގެ ހިދުމަތަށް ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ސަބަބުންނެވެ.

އާސަންދައިގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކުންފުނީގެ އަހަރީ ދުވާހާ ގުޅުވައިގެން މިދިޔަ ޑިސެމްބަރުމަހު ވަނީ، އާސަންދައިގެ ޚިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަނެއް ލިބޭ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. މިއީ އެމީހަކު ހޯދާ ޚިދުމަތުގެ ރެކޯޑްތައް ބަލަހައްޓާ، އަދި އާސަންދަ ކުންފުނިން ޚިދުމަތް ދިނުމުގައި ދެފުއް ފެންނަ ނިޒާމަކުން މަސައްކަތް ކުރިއަށްގެންދިއުމަށް ތަޢާރަފްކުރި ނޮޓިފިކޭޝަން ޚިދުމަތެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އާސަންދައިގެ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ކުންފުނީގެ ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވީ، ޚިދުމަތް ތަޢާރަފްކޮށް މިވީ މަހެއްހާ ދުވަހުގެ ތެރޭގައި 325 ޝަކުވާއެއް އާއްމުން ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން %15 މީހުން ހުށައަޅާފައިވަނީ، އެމީހުން ނުހޯދާ ޚިދުމަތަކަށް ބިލް ކޮށްފައިވުމުގެ މައްސަލަކަމަށް އޭނާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ ނުހޯދާ ޚިދުމަތަށް ބިލްކުރާ މައްސަލަތައް އާސަންދައިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަޙުޤީޤު ކުރަމުންދާކަމަށެވެ. އަދި މިގޮތަށް ބެލި ބެލުމުން، ބައެއް ކްލިނިކްތަކުން ނާޖާއިޒު މަންފާ ހޯދުމަށް އޮޅުވާލައިގެން ބިލް ކުރަމުންދާކަމަށް ހާމަވެފައިވާކަމަށާއި މިކަމާއި ގުޅިގެން މިހާތަނަށް 2 ކްލިނިކެއް ސަސްޕެންޑްކޮށް އެ މައްސަލަ ދަނީ ބަލަމުންކަމަށް އޭނާ ވިދާޅުވިވެ. ޒީނިޔާ ވިދާޅުވީ މި ކްލިނިކްތަކުން ވަރަށް ބޮޑެތި އަދަދުތަކުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ.

"ބަލިމީހާ ޚިދުމަތް ނުހޯދަނީސް، މި ނޮޓިފިކޭޝަން އަންނަނީ އާސަންދައިން ބޭސްފަރުވާއަށް ޚިދުމަތެއް ހޯދައިފިކަމަށް. މި ޝަކުވާ އާސަންދައަށް ހުށައެޅުމުން ދެ ކްލިނިކެއް އިންވެސްޓިގޭޓްކުރަމުން މިދަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މި ޙާލަތުގައި ބަލިމީހަކަށް ގުޅައިފިއްޔާ، އެމީހެއްގެ ސިއްޙީ ލިޔެކިޔުންތައް އަޅުގަނޑުމެންނާ ޙިއްސާކުރުމަށް. އަދި އެ މުއްދަތުގައި ޚިދުމަތް ހޯދި އެހެން ޕޭޝަންޓުންނަށްވެސް ގުޅާ އެބަ މަޢުލޫމާތު ނަގަން." ޒީނިޔާ ވިދާޅުވިއެވެ.

ޒީިނިޔާ ވިދާޅުވީ ބަލިމީހާ ހޯދި ޚިދުމަތަށްވާ ފައިސާ އެމީހާގެ އަތުންނާއި އަދި އާސަންދައިންވެސް އެ ޚިދުމަތައްވާ ފައިސާ ނަގާ މައްސަލަވެސް ފާހަގަވެފައިވާކަމަށެވެ.

އާސަންދަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ރަޝީދު ވިދާޅުވީ ފޯނަށް ނޮޓިފިކޭޝަން ލިބޭ ޚިދުމަތާއެކު، ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި މުހިންމު މައްސަލަތެއް ދެނެގަނެވެން ފަށާފައިވާކަމަށެވެ. އަދި ޕާމަސީތަކުން ނުދޭ ބޭހަށް ބިލްކުރުންވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ދެނެގަނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"2021ވަނަ އަހަރުވެސް 8 ތަނެއް ސަސްޕެންޑްކުރުން. އެއީ 1ފާމަސީއާ 7 ކްލިނިކް. ހަޤީގަތުގައި މި ނޮޓިފިކޭޝަންގެ ޚިދުމަތާއެކު ލޫޕް ހޯލްސްތައް ދެނެގަތުމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ." ރަޝީދު ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން ވަނީ، އެމީހަކު އާސަންދަ ކުންފުންޏަށް ދީފައިވާ ފޯން ނަންބަރު އަދާހަމަކުރުމަށް އެދިފައެވެ. އަދި ޚިދުމަތާ ގުޅިގެން ޝައްކުވާ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ، އެކަން ވީހާވެސް އަވަހަށް އެންގުމަށް ވަނީ އެދިފައެވެ.