ޚަބަރު

މެޗްއަކުން ބަލިނުވެ ވެލެންސިޔާއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި


އެއްވެސް މެޗްއަކުން ބަލިނުވެ، ޕްރެޒިޑެންޓްސް ކަޕްގެ ޗެންޕިއަންކަން ކުލަބް ވެލެންސިޔާއިން ހޯދައިފިއެވެ. ކުލަބް ވެލެންސިޔާއިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

މިއީ 2016ވަނަ އަހަރަށް ފަހު ކުލަބް ވެލެންސިޔާއިން ފުރަތަމަ ޑިވިޝަންގައި ހޯދި ފުރަތަމަ ތައްޓެވެ. 2016ވަނަ އަހަރު ވެލެންސިޔާއިންވަނީ އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. މިމެޗްއަށް ނިކުތްއިރު މާޒިޔާގެ ހައިޝަން ހަސަން އާއި ވެލެންސިޔާގެ އަހުމަދު ސިޒާންވަނީ ސަސްޕެންޑްވެފައެވެ.

ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅުނު މިމެޗްގެ ވަރަށް ކުރީކޮޅުގައި ކުލަބް ވެލެންސިޔާއިންވަނީ ލީޑް ނަގާފައެވެ. މެޗްގެ 3ވަނަ މިނެޓްގައި ވެލެންސިޔާއަށް ލީޑް ނަގައިދިން ލަނޑު އެޓީމްއަށް ކާމުޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ، ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަކްސްއެވެ. ވެލެންސިޔާއިން ލީޑް ނެގި ނަމަވެސް މާޒިޔާއިންށްވެސް ގޯލްޖަހާނެ ގިނަ ފުރުސަތު ލިބި ބޭކާރުވެގެންދިޔައެވެ. މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ ބޮލުން ފޮނުވާލި ބޯޅަ ލައްވާލީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. އަދި މީގެ އިތުރުން ވެލެންސިޔާއިން ދިޔައީ މާޒިޔާގެ ކުރިއަށް ކުޅޭ ކުޅުންތެރިން ވަރަށް ބޮޑަށް މާކްކޮށްގެން، އެކުޅުންތެރިންނަށް ލިބޭ ފުރުސަތުތަށް މަދު ކުރަމުންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި ވެލެންސިޔާއަށް ލީޑް ނަގައިދިން ލަނޑު ޖަހައިދިން ޑަކްސަންގެ ބޮލަށް ލިބުނު އަނިޔާއާއި ގުޅިގެން، ދަނޑުމަތީގައި އޭނާއަށްވަނީ ފަރުވާދީފައެވެ. މެޗްގެ ފުރަތަމަ ހާފް ނިމެން 5ވަރަކަށް މިނެޓްއަށް ވެފައިވަނިކޮށް، މާޒިޔާއިންވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމްއަށް ލިބުނު ކޯނަރަކުން މިލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމްގެ ކެޕްޓަން މުހައްމަދު އިރުފާނެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށް ގޯލް ޖަހާނެ ގިނަ ފުރުސަތު ލިބިގެންދިޔައެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި މާޒިޔާގެ ހަމްޒާ މުހައްމަދާއި ހުސައިން ނިހާނާއި ކޯނޭއަށް ލިބުނު ފުރުސަތުގެވެސް ބޭނުން މި ކުޅުންތެރިންނަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި ގޯލްއެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން މާޒިޔާއިންވަނީ ޓީމަށް ވަރަށްބޮޑު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމުންވަނީ ނާއިޒު ހަސަން އާއި މުހައްމަދު އުމެއިރު ކުޅެން އަރުވާފައެވެ. މިކުންތެރިން އެރުމާއެކު މާޒިޔާގެ އެޓޭކްތަށް ވަރުގަދަ ވެގެންދިޔައެވެ.

މެޗްގެ ފަހުކޮޅުގައި ވެލެންސިޔާގެ އަލީ ފާސިރަށް ގޯލް ޖެހުމަށް ދެ ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ބޯޅައެއް މާޒިޔާގެ ގޯލް ތެރެއަށް ވައްދާލެވޭ ވަރެއް ނުވިއެވެ. ދެ ޓީމް 1-1ކުން އެއްވަރުވުމުން ނަތީޖާ ނެރެފައިވަނީ 15 މިނެޓްގެ ދެ ހާފް ކުޅެގެންނެވެ. ފުރަތަމަ 15 މިނެޓްގެ 5ވަނަ މިނެޓްގައި ވެލެންސިޔާގެ އަލީ ފާސިރުއަށް މާޒިޔާގެ ނާއިޒް ކުރި ފައުލްއަކާއި ގުޅިގެން ރެފްރީ ޖާވިޒްވަނީ ނާއިޒަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މާޒިޔާއިން ކުޅެމުން ގޮސްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އަދި ފާސިރަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ބަދަލް ކުރަންޖެހުނެވެ. ފާސިރުގެ ބަދަލްގައި ކުޅެން ނިކުމެފައިވަނީ އިސްމާޢީލް އީސާއެވެ.

އިތުރުވަގުތުގެ ކުޅުން ކުރިއަށް ދިޔައިރު، ދެ ޓީމަށްވެސް ދަނޑުގެ އަލި މަޑުވުމުގެ ސަބަބުން އުދަގޫތަކެއް ކުރިމަތިވިއެވެ. މެޗްގައި މާޒިޔާއިން ކުރިން ކުރަމުންދިޔަ އެޓޭކަށްވަނީ ބަދަލްތަކެއް އައިސްފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މާޒިޔާއިން ކުޅެމުންދިއުމުގެ ނަތީޖާއަކަށްވީ، ވެލެންސިޔާއަށް ލިބުނު ފުރުސަތުގައި އެޓީމުން ގޯލެއް ޖަހައި އަލުން މެޗްގައި ލީޑް ނެގުމެވެ. މިލަނޑު އިތުރުވަގުތުގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓީންއެވެ.

އިތުރުވަގުތުގެ ދެވަނަ ހާފްގައި ލަނޑެއް ޖެހުމަށް މާޒިޔާއިން މަސައްކަތް ކުރަމުންދިޔަނަމަވެސް އެންމެ ރަގަނޅު ފުރުސަތު ލިބިގެންދިޔައީ ކުލަބް ވެލެންސިޔާއަށެވެ. އަދި މާޒިޔާއަށް މިހާފްގައި ވެލެންސިޔާގެ ގޯލްއަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މިމެޗުން މާޒިޔާ ބަލިވެފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއިން އެންމެ ފަހުން ކުޅުނު 3 މެޗުންވެސްވަނީ ބަލިވެފައެވެ. އެހެންނަމަވެސް ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ ވެލެންސިޔާ 5 ލަނޑު 0 ލަނޑުން ބަލިކޮށްގެންނެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރެވެ. ފާސިރުވަނީ މުބާރާތުގައި ޖުމްލަ 7 ގޯލު ޖަހާފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ ބޯހަސްއެވެ.