ޚަބަރު

ޒިކުރާ މިސްކިތުގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް


މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް ހަދަން އެސް.ޖޭ ކޮންސްޓްރަކްޝަނަށް ދަޢުލަތުން ދެއްކި، 30،000،000.00 (ތިރީސް މިލިއަން ރުފިޔާ) އަނބުރާ ދަޢުލަތަށް ނެގުމުގެ ބަދަލުގައި، ހުޅުމާލޭ ދެވަނަ ދިޔަވަހީގައި މިސްކިތެއް ބިނާކުރަން އެކުންފުންޏާއެކު ސަރުކާރުން އެއްބަސްވެއްޖެއެވެ.

ޒިކުރާ މިސްކިތުގެ ޢިމާރާތް ތަޅާލައި އެތާނގައި ވަގުފު ޢިމާރާތެއް ބިނާކުރަން އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރީ 09 ޖުލައި 2018ގައެވެ. އެއީ މިސްކިތަކާއެކު ބިނާކުރާ، 10 ބުރީގެ އިމާރާތެކެވެ. އިމާރާތުގެ 3 ފަންގިފިލާ ޚާއްސަކުރަން ކަނޑައެޅީ ނަމާދުކުރާ ބައިގެ ގޮތުގައެވެ. އަދި އިމާރާތުގެ 7 ފަންގިފިލާ ޚާއްސަކުރަން ނިންމާފައި އޮތީ އޮފީސް ހިންގުމަށް ދޫކުރުމަށެވެ.

ނަމަވެސް އެކި މައްސަލަތަކާ ގުޅިގެން މަސައްކަތް ނުފެށި، އޮތުމަށްފަހު އެ އެއްބަސްވުން ސަރުކާރުންވަނީ ބާޠިލުކޮށްފައެވެ.

ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރުމަށް ހެދި އެއްބަސްވުމާ ގުޅޭގޮތުން 2020ވަނަ އަހަރު ފެބްރުއަރީމަހު އޮޑިޓް އޮފީހުން ހެދި، އޮޑިޓުގައިވެސް ބުނެފައިވަނީ އެއްބަސްވުން އެކުލަވާލުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށެވެ. އެންމެބޮޑު ކަމެއްގެ ގޮގުގައި ފާހަގަކޮށްފައިވަނީ މިސްކިތް ހުރި ބިމުގެ ރަޖިސްޓްރީ ނެތުމެވެ.

ވަގުފު އިމާރާތުގެ މަސައްކަތަށް އެސް.ޖޭ ކުންފުންޏަށް ދަޢުލަތުން ދެއްކި 30،000،000.00 (ތިރީސް މިލިއަން) ރުފިޔާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައިި ދަޢުލަތުން ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގެ ޑިސްޕިއުޓް މަރުޙަލާގައި، އެސް.ޖޭ ކުންފުނިން ވަނީ ދެފަރާތް އެއްބަސްވެވޭ ގޮތެއްގެމަތިން މިސްކިތެއް ބިނާކޮށްދިނުމަށް ހުށަހަޅާފައެވެ.

އެ ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިނިސްޓްރީން ނިނެމެވިއެވެ.

އަދި މިކަމާގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއްގައި، އިސްލާމިކް މިނިސްޓްރީއާ އެސް.ޖޭ ކޮންސްޓްރަކްޝަނާ ދެމެދުވަނީ މިޙާރު ސޮއިކޮށްފައެވެ. މި އެސްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ. އެސް.ޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދު އިބްރާހީމެވެ.

މިއެއްބަސްވުމުގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެމާރާތްކުރުމަށެވެ. މި މިސްކިތުގެ އަގު 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި) އަށް އަރައެވެ. މި މިސްކިތް އިމާރާތްކުރުމަށް 30 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ.

ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 3000 މީހުންނަށް އެއްފަހާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އަދި މިސްކިތުގައި އަންހެނުން ނަމާދުކުރާނެ އިންތިޒާމްވެސް ހިމެނެއެވެ. މިއީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިސްކިތެކެވެ.

މިސްކިތް ނިންމުމަށް އެބަސްވެފައިވަނީ 1އަހަރާ 2މަސް ދުވަހުންނެވެ.