ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި


މާލޭގެ ގެސްޓް ހައުސްއެއް
ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން ވިދާޅުވީ ޑްރަގް
އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި
އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ
ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މިމީހުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއް
ބަލައިފާސްކޮށް އެ ގެސްޓް ހައުސް ތެރެއިން މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ
14:35 ހާއިރުއެވެ.



މިމީހުން ފުލުހުންގެ ބެލުމުގެ
ދަށަށް ގެނެސް އެމީހުން ތިބި ކޮޓަރިބަލައި ފާސްކުރިއިރު އެކޮޓަރި ތެރެއިން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 95 ޕެކެޓާއި
19،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.



މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންނަކީވެސް
މަސްތުވާތަކެތީގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެމީހުންކަމަށާއި،
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާކަމަށް
ފުލުހުން މައުލޫމާތުދެއްވައެވެ.