ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަމަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންމަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެޖެންޑާކޮށްފައިވާކަމަށެވެ. އެޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު ކަމެއް ނޯންނާނެއެވެ. އަދި މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.