އަންނަމަހުގެ 4 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ފަށާ ވިންޓަރ އޮލިމްޕިކް ގޭމްސްގެ ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމުގެ ޝަރަފު ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފިއެވެ.
ނިއުޔޯކުގައި ހުންނަވައިގެން ބޭރުގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ބެއިޖިންގ ވިންޓަރ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ، އައިއޯސީން އެމަނިކުފާނަށް ދެއްވާފައިވާކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އޮލިމްޕިކް ދަންމަރާއެކު ދުވެވަޑައިގަތުމުގެ ފުރުޞަތުވެސް އެމަނިކުފާނަށް ލިިބިވަޑައިގެންފައިވާކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.
Hear from Abdulla Shahid, President of UN General Assembly on his coming trip for Beijing Olympics and the honor of being invited to carry the Olympic torch.#Beijing2022 #WinterOlympics pic.twitter.com/D5gOJz3kFz
— CGTN America (@cgtnamerica) January 22, 2022
އދގެ އާއްމު މަޖިލީހުގެ ރައީސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ޤައުމުތަކުން ދޭ އަހަންމިއްޔަތުކަން ދައްކައިދިނުމަށް އެމަނިކުފާނު ވަނީ އދގެ މެމްބަަރު ޤައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.
އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސް އަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.
މިއިލްތިމާސާ ގުޅިގެން އައިއޯސީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ މި އެދިލެއްވުމުގެ ނަތީޖާއެއްގޮތުން، އ.ދ.ގެ މެންބަރު 193 ޤައުމުގެ އިއްތިފާޤުން ފާސްކުރި އޮލިމްޕިކް ސުލްހައިގެ ޤަރާރުގެ މެސެޖް އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށެވެ. އަދި މި އިލްތިމާސްއިއެކު، އޮލިމްޕިކް ގޭމްސްއާއި، އައި.އޯ.ސީ އިން ގެންގުޅޭ ސިޔާސީ ހަމަހަމަކަމަށް އ.ދ.އިން ތާއީދުކުރާކަން ހާމަވާކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ކުޅިވަރުގެ ބާރުވެރިކަން އދ.ގެ ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަނެ، ސުލްހަވެރި ވާދަވެރިކަމުގައި ދުނިޔެ އެއްގަލަކަށް އަރުވައި، ރަނގަޅު މުސްތަގުބަލެއް ގެނެވޭނެ ކަމުގެ އުންމީދު އާކޮށްދިނުމުގައި އޮލިމްޕިކް ގޭމްސް ކުޅޭ ދައުރެވެ.