ޚަބަރު

ވަގުތުން ލިބޭ ވިސާ ކާޑެއް އެމްއައިބީން ތައާރަފްކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގެ ކޮންމެ ބްރާންޗަކުންވެސް ވަގުތުން ލިބޭ ވިސާ ކާޑެއް ތަޢާރަފްކޮށްފިއެވެ.

އެމްއައިބީން ވިދާޅުވީ، އަލަށް ތައާރަފު ކުރި ވިސާ ކާޑުންވެސް ރާއްޖޭގައި ވިސާ ގަބޫލުކުރާ ކޮންމެ ތަނަކުން އިތުރު ޗާޖަކާ ނުލައި، ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެކަމަށެވެ. އަދި އެމްއައިބީގެ ކާޑު ގެންގުޅޭ ފަރާތްތަކަށް އަމާޒުކުރާ ޕްރޮމޯޝަންތަކުގައި ވެސް މި ކާޑު މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. މީގެއިތުރުން އެމްއައިބީގެ "އެވްރިޑޭ ބެނެފިޓްސް" ސްކީމްގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފިހާރަތަކުން ޑިސްކައުންޓްވެސް މި ކާޑުން ލިބޭނެއެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ވިސާ ކާޑެއް ދޫކުރަން ފެށި ފުރަތަމަ ފަހަރެވެ.

އެމްއައިބީއިން ބުނީ މި ކާޑު ތައާރަފުކުރީ މީގެކުރިން އެ ބޭންކުން ތައާރަފުކުރި ވަގުތުން ލިބޭ ފައިސާ ކާޑަށް ލިބުނު ތަރުހީބު ގެ އަލީގައި ކަމަށެވެ. މި ބާވަތުގެ ކާޑާއި އާދައިގެ ވިސާ ކާޑަކާ ހުންނާނެ ހަމައެކަނި ތަފާތަކީ ވަގުތުން ލިބޭ ކާޑުގައި ވެރިފަރާތުގެ ނަންޖަހާފައި ނެތުން ކަމަށް ވެސް އެ ބޭންކުން ބުނެއެވެ. އެމްއައިބީން ބުނީ މިހާތަނަށް ލިބިފައި ހުރި ފީޑްބެކަށް ބަލާއިރު ކާޑުގައި ނަން ޖަހާފައި ނެތުމަކީ ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށް ގިނަ ކަސްޓަމަރުން ދެކޭ ކަމަށެވެ. އެއީ ކާޑު ގެއްލޭ ހާލަތެއްގައި ވެސް އެއީ ކާކުގެ ކާޑެއްކަން ނޭނގޭތީ އެއިން ނާޖާއިޒު ފައިދާއެއް ނެގުމުގެ ފުރުސަތު ކުޑަވާތީ ކަމަށް ބައެއް ކަސްޓަމަރުންނާއި ހަވާލާދީ ބެންކުން ބުނެފައިވެއެވެ.

އެމްއައިބީން ބުނީ އެ ބޭންކުގައި އަލަށް އެކައުންޓެއް ހުޅުވާ ފަރާތްތަކަށްވެސް ވަގުތުން ވިސާ ކާޑެއް ލިބޭނެކަމަށެވެ. އަދި ކާޑު ލިބޭ ވަގުތުން ފެށިގެން އެއްވެސް ދައްޗެއް ނެތި ކާޑު ބޭނުން ކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށެވެ. އަދި އެހެނިހެން ކަސްޓަމަރުންނަށްވެސް ބެންކަށް ޒިޔާރަތް ކުރެއްވުމުން ވަގުތުން ކާޑު ދިނުމުގެ ޚިދުމަތް ހަމަޖެހިފައިވާނެކަމަށް ބެންކުން މަޢުލޫމާތުދެއެވެ.

މި ކާޑު މާލެއިން ބޭނުންވާ މީހުނަށް ފަސޭހައަކަށްޓަކައި އެ ބޭންކުގެ ބާޒާރު ސާވިސް ސެންޓަރު ހުޅުވިފައި ހުންނަ ގަޑި އިތުރުކުރެވިފައިވާކަމަށްވެސް އެ ބޭންކުން ބުނެއެވެ. އެ ސެންޓަރު މިހާރު ހުޅުވިފައި ހުންނާނީ ހެނދުނު ދިހައަކުން ހަވީރު ހަޔަކަށެވެ.

ކޯވިޑުގެ ހާލަތު ގޯސްވަމުން އަންނާތީ، ބޭންކަށް ހިދުމަތް ހޯދުމަށް ދިއުމުގެ ކުރިން އެމްއައިބީން ބޭނުންކުރާ އޮންލައިން ސިސްޓަމެއް ކަމުގައިވާ "އޭންޓް ކިއު"އިން ނަންބަރެއް ނަގައިގެން ދިއުމަށް އެ ބޭންކުން އިލްތިމާސް ކުރެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ހިންގާ ހަމައެކަނި ބޭންކެވެ. އެ ބޭންކުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ސިޓީއަކާއި، ގދ.ތިނަދޫގައި ހުރެއެވެ