ޚަބަރު

މާލެއިން އެކަނިވެސް އަލަށް 1300 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް


މާލެއިން ޕޮޒިޓިވްވީ އެއްހާސް ތިންސަތޭކަ މީހުންނާއެކު ރާއްޖެއިން ހޮނިހިރު ދުވަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދު ދެހާހުން މައްޗަށް އަރައިފިއެވެ. މިއާއެކު ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ އެއްލައްކަ ސާދަހާހުން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 2349 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 1325 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 681 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 54 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 114977 އަށް އަރާފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރު ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. މިވަގުތު 13035 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 48 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

މިދިޔަ 24 ގަޑިއިރު 849 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 101660 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 7574 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 269 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ ކޯވިޑުން ދިފާޢުވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ. އެގޮތުން ބަލީގެ ޢަލާމާތްތައް ހުރި މީހެއްނަމަ ވީއެންމެ އަވަހަކަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މީހުންގެ ތެރެއަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކުއެޅުމަށާއި ގައިދުރުކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ.