ޚަބަރު

މިދިޔަމަހު ބީއެމްއެލްއިން އާއްމުންނަށް 16 މިލިއަން ޑޮލަރު ވިއްކި


މިދިޔަ ޑިސެމްބަރުމަހުގެ
ތެރޭގައި 16 މިލިއަނަށްވުރެ ގިނަ ޑޮލަރު، ޤައުމީ ބޭންކް، ބޭންކް އޮފް
މޯލްޑިވްސްއިން ޢާންމު ފަރާތްތަކަށް ވިއްކައިފިއެވެ. މިއީ ޢާއްމުކޮށް މަހެއްގެ މައްޗަށް ޑޮލަރު ވިއްކާ އަދަދަށްވުރެ
ފަންސަވީސް އިންސައްތަ އިތުރު ޢަދަދެއް ކަމަށް އެ ބޭންކުން ބުނެއެވެ.



މީގެތެރޭގައި ސްކޫލް
ޗުއްޓީއާ ދިމާކޮށް ކުރާ ދަތުރުތަކަށާއި އެހެން ބައެއް ބޭނުންތަކުގައި ރާއްޖެއިން
ބޭރަށް ދަތުރުކުރި ޢާއްމު ފަރާތްތަކަށް ވިއްކި 10 މިލިއަން ޑޮލަރު ހިމެނޭކަމަށް
ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރިއެވެ. މިގޮތުން ގާތްގަނޑަކަށް ވިހިހާސް
މީހުންނަށް ޑޮލަރު ވިއްކާފައިވެއެވެ. ބޭރު ޤައުމުތަކަށް ދާ ފަރާތްތަކަށް އެމީހުންގެ
އެއާޓިކެޓް ގެންދިއުމުން ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ މީހަކަށް ފަސްސަތޭކަ
ޑޮލަރުގެ މަގުން ޑޮލަރު ވިއްކައެވެ.   



ބޭރުގެ ޤައުމުތަކަށް
ދަތުރުކުރާ ޢާންމު ފަރާތްތަކަށް ޑިސެމްބަރުމަހު ވިއްކި ޑޮލަރުގެ އިތުރުން،
ބޭންކްގެ ކަސްޓަމަރުން، ވިސާ
ޑެބިޓްކާޑު މެދުވެރިކޮށް 5 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ވިޔަފާރި ޑިސެމްބަރުމަހު ކޮށްފައިވާ
ކަމަށް ބެންކް އޮފް މޯލްޑިވްސްއިން ހާމަކުރިއެވެ.



މީގެ އިތުރުންވެސް ރާއްޖެއިން
ބޭރުގައި ކިޔަވަމުން އަންނަ 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންގެ ކިޔެވުމުގެ ފީއަށް
ބެންކުން ވަނީ ޑޮލަރު ހަމަޖައްސައިދީފައެވެ. އަދި ބޭސްފަރުވާއަށް ބޭރަށް ދާންޖެހޭ މީހުންނަށްވެސް
ބެންކް އޮފް މޯލްޑިވްސްއިން ޑޮލަރު ވިއްކައެވެ.



އެމްއެމްއޭއިން
ވިދާޅުވިގޮތުގައި ޢާއްމުކޮށް ބޭންކްތަކަށް ކޮންމެ ހަފްތާއަކު ހަތަރު މިލިއަން
ޑޮލަރު އެމްއެމްއޭއިން ދޫކުރައްވައެވެ. އެހެންނަމަވެސް ނޮވެމްބަރުމަހުގެ ފަހު
ހަފްތާއިން ފެށިގެން އިތުރަށް 4.3 މިލިއަން ޑޮލަރު ކޮންމެ ހަފްތާއެއްގައިވެސް
ދަނީ ދޫކުރަމުންނެވެ. އެއީ ސްކޫލް ބަންދުވެ ގިނަ ޢަދަދެއްގެ ބަޔަކު ޗުއްޓީއަށް
ރާއްޖެއިން ބޭރަށް ދަތުރުކުރާތީ ދަތިނުވެ ޑޮލަރު ލިބޭނެގޮތް ފަހިކޮށް
ދިނުމަށްކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ.



ބޭންކް އޮފް
މޯލްޑިވްސް އިތުރުން ރާއްޖޭގައި ބޭންކިންގެ ޚިދުމަތްދޭ އެހެން ބޭންކްތަކުންވެސް
އާއްމުންނަށް ޑޮލަރު ދޫކުރަމުން ގެންދެއެވެ.