ދުނިޔެ

އީރާނާ ސައުދީއާ ދެމެދު އޮތް ނުތަނަވަސްކަން ދުރުކުރަންޖެހޭ- ތުރުކީ


މެދު އިރުމަތީގެ ދެ ބާރު ކަމަށްވާ އީރާނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން މިހާރުން މިހާރަށް ކުޑަކޮށް ދެޤައުމުގެ ސިޔާސީ ގުޅުން އަލުން ރުޖޫޢަކުރުމަށް ތުރުކީވިލާތުން ދެޤައުމަށް ގޮވާލަައިފިއެވެ. ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ނައިބު އަދި ސަރުކާރުގެ ތަރުޖަމާނު ނުޢުމާން ވިދާޅުވީ، މެދުއިރުމަތީގައި މިހާރުވެސް ގިނަ ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް އެބަހުރި ކަމަށާއި އެސަރަޙައްދުގައި އިތުރު ހަމަނުޖެހުންތަކަށް ޖާގަ ނެތް ކަމަށެވެ.ސަޢޫދީ ޢަރަބިއްޔާއިން އީރާނާ ސިޔާސީ ގުޅުން ކަނޑާލީ އީރާނުގައި ހުންނަ ސަޢޫދީ އެމްބަސީއަށް ބަޔަކު މީހުން ދިން ޙަމަލާއާ ގުޅިގެންނެވެ. ސަޢޫދީއާ ދެކޮޅަށް އީރާނާއި ޢަރަބި އެހެން ގައުމުތަކުގައި ވަރުގަދަ މުޒާހަރާތައް ކޮށްފައިވަނީ ޓެރަރިޒަމްގެ ކުށުގައި އެގައުމުން 47 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅިގެންނެވެ. މީގެތެރޭގައި ޝީޢިންގެ އިސް ލީޑަރެއްވެސް ހިމެނެއެވެ.ތުރުކީވިލާތުގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ، އީރާނުގައި ހުރި ބޭރު ޤައުމުތަކުގެ އެމްބަސީތަކާއި އޮފީސްތައް އެގައުމުން ޙިމާޔަތްކުރަން ޖެހޭނެކަމަށެވެ. އަދި ސިޔާސީ ބޭނުންތަކުގައި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ތުރުކީން ތާއީދުކުރާނެކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.