ޚަބަރު

ފައިނަލް މެޗްގައި މޮޅުވުމުގެ ފުރުސަތު ބޮޑީ މާޒިޔާއަށް: ޝިޔާޒް


ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކުލަބް ވެލެންސިޔާއާއި ދެކޮޅަށް ނިކުންނައިރު، މިމުބާރާތުގެ ލީގް ބުރުގެ އެންމެ ފަހު މެޗުން މާޒިޔާ ވެލެންސިޔާ އަތުން ބަލިވިނަމަވެސް، އެމެޗްގެ އެއްވެސް އަސަރެއް ފައިނަލް މެޗަށް ނުކުރާނެކަމަށް މާޒިޔާގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން މާޒިޔާ ޖާގަ ހޯދާފައިވަނީ ލީގް ބުރުގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދީ ކުލަބް ވެލެންސިޔާއެވެ. ލީގް ބުރުގެ މެޗްތައް ނިމުނުއިރު، ތާވަލްގެ އެއްވަނައިގައި ކުލަބް ވެލެންސިޔާ އޮތީ 17 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނައިގައިވާ މާޒިޔާ އާއި ތިންވަނައިގައިވާ ގްރީން ސްޓްރީޓްސްއަށް 15 ޕޮއިންޓް ލިބިފައިވީނަމަވެސް، ތާވަލްގެ ދެވަނަ މާޒިޔާއަށް ލިބުނީ ގޯލްގެ ތަފާތުންނެވެ.

ލީގް ބުރުގެ ފަހު މެޗްގައި ކުލަބް ވެލެންސިޔާއިން މާޒިޔާގެ މައްޗަށް ކުރިހޯދީ 1 ލަނޑު 0 ލަނޑުންނެވެ. އަދި މީގެ އިތުރުން މާޒިޔާއިން ފައިނަލް މެޗާއި ކުރިމަތިލާއިރު، ޕްރެޒިޑެންޓްސް ކަޕްގެ ލީގް ބުރުގައި އެޓީމް އެންމެ ފަހުން ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. ވެލެންސިޔާ މެޗްގެ ކުރިން މާޒިޔާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުން މާޒިޔާ ބަލިވެފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.

ފައިނަލް މެޗްގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ލީގްގައި ކުޅެފައިވާ އެއްވެސް މެޗެއްގެ އަސަރު ފައިނަލް މެޗަށް ނުކުރާނެކަމަށާއި ފައިނަލް މެޗަކީ މުޅިން ތާފާތު މެޗެއްކަމަށެވެ. މޯހަން ބުނީ ފައިނަލް މެޗަކީ ކޮންމެ ޓީމަކަށްވެސް މުޅިން އާ މެޗެއްކަމަށާއި ކޮންމެ ޓީމަކަށްވެސް މޮޅުވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ކޯޗް މުހައްމަދު ޝިޔާޒްބުނީ މިމުބާރާތަކީ މާޒިޔާއަށް ވަރަށް މުހިންމު މުބާރާތެއްކަމަށާއި ފައިނަލް މެޗަށް ނިކުންނައިރު، މެޗް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ މާޒިޔާއަށްކަމަށެވެ.

"މިހާރު މާޒިޔާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފަހަތަށް އަންނަ ބޯޅަތައް ނުހުއްޓެވޭ ތަން. ޑިފެންސް ރަގަނޅު ކުރަން އެބަޖެހޭ. ޓީމްގައި ކުރިއަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން އެބަދޭ. ފައިނަލް މެޗްގައި ޑިފެންސް ލައިންގެ މިސްޓޭކްތައް ވަރަށް ބޮޑަށް ރަނގަޅު ކުރާނަން. ދެ ޓީމަށް ބަލާއިރު، ދެ ޓީމށްވެސް މިއޮތީ ވަރަށް ހަމަހަމަ ފުރުސަތެއް. ރިކަވަރީއަށް ދެ ޓީމަށްވެސް ލިބެނީ އެއްވަރަށް ދުވަސް. ފައިނަލް މެޗްގައި ލިބޭ ފުރުސަތުގެ ބޭނުން ހިފަންއެބަޖެހޭ. އެއީ ވަރަށް މުހިންމުކަމެއް. މެޗްގައި ޗާންސް ލިބޭނެ، އޭގެ ބޭނުން ހިފަންޖެހޭ، އޭރުން މެޗް ކާމިޔާބުކުރެވޭނެ." ކޯޗް މޯހަން ބުންޏެވެ.

މިއަންނަ އާދިއްތަ ދުވަހު ރ.އަތޮޅު އަލިފުށީގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗަށް މާޒިޔާ ނިކުންނައިރު ދެ ކާޑް ހަމަވުމުގެ ސަބަބުން ޑިފެންޑަރ ހަސަން ހައިޝަންއަށް ނުކުޅެވެއެވެ. އަދި ލީގް ބުރުގެ އެންމެ ފަހު މެޗްގައި މާޒިޔާ އާއި ކުލަބް ވެލެންސިޔާ ބައްދަލުކުރި މެޗްގައި ވެލެންސިޔާގެ ފަހަތަށް ކުޅެމުންދިޔަ އަހުމަދު ސިޒާންއަށް ދެއްކި ރަތް ކާޑްގެ ސަބަބުން ފައިނަލް މެޗްގައި ސިޒާންއަށްވެސް ނުކުޅެވޭނެއެވެ.