ޚަބަރު

އަތޮޅުތަކުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތައް


އަތޮޅުތަކުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމަށް ނިންމާ، ޢަމަލީ މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން 6 މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓި އެމްޕަވަމަންޓުންވަނީ ނިންމާފައެވެ.

ރާއްޖެއަށް ބަލާއިރު، ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް އަބަދުވެސް ބާއްވަމުން އަންނަނީ މާލެ ސަރަޙައްދުގައެވެ. ކުޅިވަރުގެ ހަރަކާތްތަކާ އެކިއެކި ޤައުމީ ގިނަ މުބާރާތްތައްވެސް ބާއްވަމުން އަންނަނީ މާލޭގައެވެ.

ނަމަވެސް ސަރުކާރުގެ މިހާރުގެ ޢަމާޒަކީ މާލެއެކޭ އެއްގޮތަށް، އަތޮޅުތަކުގައި ތިބި ކުޅިވަރު ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތައް އެ ސަރަޙައްދުތަކުން ފޯރުކޮށްދިނުމަށެވެ. މިއީ ހެލިފެލިވުމާއި ކުޅިވަރުގެ ރޫހު އާލާކޮށް، ކުޅިވަރަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

މި މަސައްކަތުގެދަށުން ކުޅިވަރުގެ ދާއިރާއިން އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅެވޭ ފެންވަރުގެ މަލްޓި ޕަރޕަސް އިންޑޯ ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމެވެ.

މިިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން މިސްޕޯޓުސް ކޮމްޕްލެކްސް ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކަކީ ރ.އަލިފުށި، ރ.ދުވާފަރު، އއ.އުކުޅަސް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ފޭދުއާއި މީދޫގައެވެ.

މާލޭގެ ސޯޝަލް ސެންޓަރު ފިޔަވާ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ސ.މީދޫގައެވެ. މި މަސައްކަތަށް ބޭނުންވާ އިދާރީ މަސައްކަތްތައް ފުރިހަމަކުރުމަށް މިހާރުވަނީ ޓެންޑަރ ބޯޑަށް ފޮނުވާފައި ކަމަށް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މިހާރުވަނީ ރ.އަލިފުށި، ރ.ދުވާފަރު އަދި އއ.އުކުޅަހުގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައްވެސް ޓެންޑަރ ބޯޑަށް ހުށައަޅާފައެވެ.

މި ކޮމްޕްލެކްސްތަކަކީ ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކުރާ އިމާރާތްތަކެކެވެ.

އަދި މި ތަންތަން ފަރުމާކޮށްފައިވަނީ މިފަދަ ފެސިލިޓީއަކުން ކުޅުންތެރިންނަށް ބޭނުންވާނެ ވަސީލަތްތަކާއި، އަދި ކުޅި ބަލަން ވަންނަ މީހުންނަށް ފަސޭހައި ތިބެވޭނެ އިންތިޒާމްތަކާއެކުއެވެ.

އަތޮޅުތަކުގެ ކުޅިވަރު ވަސީލަތްތައް ފުރިހަމަކޮށް، ކުޅިވަރުގެ ރޫހު ރަށްތަކުގައި އާލާކުރުމަށް މިނިސްޓްރީއިންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 25ރަށެއްގައި ޓަރފް ދަނޑު މިހާތަނަށްވަނީ ތަރައްޤީކޮށްފައެވެ.