ޚަބަރު

ސ.މަރަދުއާއި ހދ.ހިރިމަރަދޫގައި އާ މިސްކިތެއް އެޅުމަށް ހަވާލުކޮށްފި


ސ.މަރަދުއާއި ހދ.ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ސ.މަރަދޫގައި އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ 500މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި ހދ.ހިރިމަރަދޫގައި އިމާރާތްކުރަނީ 300މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ސ.މަރަދޫގައި 500މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުުރުމަށް ނިންމީ މިވަގުތު މަރަދޫގައި ނަމާދުކުރަމުން އަންނަ މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއެވެ. މަރަދޫ އާ މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރިއިން ހަވާލުކޮށްފައިވަނީ ބީއޭޕީސީ އެންޑް ޑްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ.އަޙުމަދު ޒާހިރުއެވެ. އަދި ބީއޭޕީސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުﷲއެވެ.

މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ މެދުތެރޭގައެވެ. 500 މީހުންގެ ޖާގައިގެ މި މިސްކިތުގައި އަންހެނުން ނަމާދުކުރުމަށްވެސް ޚާއްސަ ބައެއް ހިމެނެއެވެ. އަދި މިސްކިތުގައި ފާޚާނައާއި ވުޟޫކުރާ ބަޔާއި ގުދަނެއް އަދި މުންނާރުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 11 މަސް ދުވަހުންނެވެ. މި މިސްކިތް އިމަރާތްކުރުމުގެ މަސައްކަތަށް ސަރުކާރުން 12.7 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހދ.ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް ބަޔަކާއި ހަވާލުކޮށްފައެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހާވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ.
\
މި މިސްކިތުގައިވެސް އަންހެނުން ނަމާދުކުރާ ބަޔާއި، ފާޚަނައާއި ވުޟޫ ކުރާ ބަޔާއި ގުދަން އަދި މުންނާރު ހިމެނެއެވެ. މި މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެސް އަންނަމަހުގެ މެދުތެރޭ ފެށުމަށް ހަވަޖެހިފައިވާއިރު، މިސްކިތް ނިންމުމަށް އެއްބަސްވެފައިވަނީ 1 އަހަރުންނެވެ. މިއީ 8.7 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

2021ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރާ މި ދެމިސްކިތުގެ މަސައްކަތް ނިމޭއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށް މިސްކިތް އޭސީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.