ޚަބަރު

ދަތުރުކުރަން އިންކާރުކުރާ ޓެކްސީތަކުގެ މައްސަލަ ހުށަޙަޅަން އަންގައިފި


ޓެކްސީ ޚިދުމަތް އެކަށީގެންވާގޮތެއްގައި ނުދޭ ސެންޓަރުތަކާއި އެފަދަ ޓެކްސީތަކުގެ މައްސަލަ މިނިސްޓްރީއަށް ހުށަހެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ދަތުރުކޮށްދޭން ދެކޮޅު ހަދާ ޓެކްސީތަކުގެ މައްސަލަ ހުށަހެޅުމަށް މިނިސްޓްރީން އެދިފައި މިވަނީ މާލެތެރޭގައި ދަތުރުކުރުމަށް ޓެކްސީ ނުލިބޭކަމަށް ބުނެ އެކަމާއި ގުޅޭ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އާއްމު ދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދީފައިވާ، ޓެކްސީ ސެންޓަރުތަކާއި ޓެސްސީ ޑްރައިވަރުން ޚިދުމަތް ދިނުމުގައި އިޙުމާލުވަމުންދާ ކަމުގެ ޝަކުވާތައް ހުށައަޅަމުން އަންނަކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުން ޓެކްސީ ހޯދުމަށް ސެންޓަރުތަކުގައި އެދުމުން އާއްމުންނަށް ޚިދުމަތް ނުލިބޭ ކަމަށާއި، އަދި މާލެ ތެރޭގެ ދަތުރުތައް ނުނަގާ ހުޅުލެއާއި ހުޅުމާލޭގެ ދަތުރުތައް ނަގަމުންދާ ކަމުގެ ޝަކުވާތައް ރައްޔިތުން މިނިސްޓްރީއަށް ހުށައަޅަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ އާއްމު ރައްޔިތުން ޓެކްސީގެ ޚިދުމަތަށް އެދުމުން އެ ޚިދުމަތް ފޯރުކޮށް ނުދޭ ފަރާތްތައް ނުވަތަ އެކަމަށް އިންކާރުކުރާނަމަ އެ މައްސަލަ މިިނިސްޓްރީއަށް ހުށައެޅުމުން އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު މިނިސްޓްރީގެ ފޯނު ނަންބަރު، 7943434 މެދުވެރިކޮށް، ވައިބަރ މެސެޖުން މިނިސްޓްރީއަށް ޙިއްސާކުރުމަށްވެސް ވަނީ އަންގާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޓެކްސީ ސެންޓަރުތަކުގެ މައްޗަށް ލާޒިމުކުރާ ކަންކަން، ފުރިހަމަ ނުކުރާ ފަރާތްތަކާމެދު ކުރިއަށް އޮތް ތަނުގައި ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.

މާލޭގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީ ނުލިބުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ މާލެ ތެރޭގެ ދަތުރުތައް ނުނަގާ، މާލެއާ ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދިގު ދަތުރުތަކަށް އެކަނި ޓެކްސީ ޑްރައިވަރުން ދަތުރު ނަގާ މައްސަލައެވެ.

ޓެކްސީ ޚިދުމަތުގެ މައްސަލައަކީ އަބަދުވެސް ބޮޑު މައްސަލައެކެވެ. އެގޮތުން އެކި އަގުއަގުތައި ފައިސާ ނަގާ މައްސަލަވެސް ބޮޑުވެގެން އެމައްސަލަ ޙައްލުކުރުމަށް، ދަތުރުތަކުން ނެގޭނެ އެންމެ މަތީ އަގު މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި ޓެކްސީތަކުގައި މީޓަރު ހަރުކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް، އެއީ ރާއްޖެއަށް އެންމެ އެކަށީގެންދާ އޫލަކަށް ނުވާނެތީ އެކަން ނުކުރަން ވަނީ ނިންމާފައެވެ.

ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ ސަބަބުން ދަތުރުކުރުމުގައި ދިމާވާ ދަތިތަކެވެ. އެގޮތުން ދަތުރަކަށް ހޭދަކުރާ ވަގުތާ އަޅާކިޔާއިރު، ލިބޭ އާމްދަނީ ކުޑަވުމަކީ ޑްރައިވަރުންގެ ޝަކުވާއެވެ. އަދި މާލޭގެ މަގުތައް ހުންނަގޮތުން ޓެކްސީތަކަށް ގެއްލުންވެ އޭގެ މެއިންޓަނަންސް ޚަރަދުތައް ބޮޑުކަމަށްވެސް ޑްރައިވަރުން ބުނެއެވެ.