ޚަބަރު

ސުނާމީގައި ސުންނާފަތިވެފައިވާ ޓޮންގާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި


ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނުތާ ފަސް ދުވަސްފަހުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ޓޮންގާއަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަނީ އެ ޤައުމާ އެންމެ ކައިރީގައި އޮންނަ ނިޔު ޒީލެންޑުންނެވެ. އެ ގޮތުން ސުނާމީގެ ސަބަބުން ގެއްލުން ލިބިފައިވާ ޓޮންގާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ސާފުކުރުމަށްފަހު ވައިގެ މަގުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭން ނިޔު ޒީލެންޑުންވަނީ ފަށައިފައެވެ. އެ ގޮތުން ކުއްލި ޙާލަތްތަކުގައި ބޭނުންވާނެ ޒަރޫރީ ސާމާނާއި ސާފުތާހިރުވުމަށް ބޭނުންކުރާ ސާމާނާއި ޖަނަރޭޓަރާއި މުވާސަލާތީ ވަޞީލަތްތަކާއި ބޯފެން އުފައްދާ ވަޞީލަތްތައް ޤާއިމުކުރުމަށް ބޭނުންވާނެ ސާމާނު ޓޮންގާއަށް ފޮނުވާފައިވާކަމަށް ނިޔު ޒީލެންޑުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އަވަށްޓެރި އޮސްޓުރޭލިޔާއިންވެސްވަނީ ވައިގެ މަގުން ޓޮންގާއަށް އެހީގެ ސާމާނު ފޮނުވައިފައެވެ. އޮސްޓުރޭލިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ބޯފެން އުފައްދާ ވަޞީލަތްތައް ޤާއިމުކުރުމަށް ބޭނުންވާނެ ސާމާނާއި ވަޤުތީ ހިޔާ ހެދުމަށް ބޭނުންވާ ސާމާނާއި ބަދިގެ ސާމާނު ޓޮންގާއަށް ފޮނުވާފައިވާކަމަށެވެ. އަދި ކުއްލި ޙާލަތްތަކުގައި ބޭނުންވާނެ އިތުރު އެހީތެރިކަން ޓޮންގާއަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް އޮސްޓުރޭލިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.

ޓޮންގާގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމަށް އެރި ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ޙާލަތު ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެ ކާރިޘާގައި ޓޮންގާގެ ގިނަ އަވަށްތައް ޗާޓުން ފޮހެވިފައިވާކަމަށާއި ކަރަންޓާއި މުވާޞަލާތީ ޚިދުމަތްތައް ކެނޑިފައިވާކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

105،000 މީހުންގެ އާބާދީއެއް އޮންނަ ޓޮންގާއަށް ވައިގެ މަގުގެ އިތުރުން ކަނޑުމަގުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނިޔު ޒީލެންޑާއި އޮސްޓުރޭލިޔާގެ ސަރުކާރުންވަނީ ބުނެފައެވެ.